ޤަޠަރާއި، ސަޢޫދީ ޢަރަބިއްޔާއާއި، ކުވޭތާއި، އުރުދުންއިން ވަނީ އިޒްރޭލުގެ ފުލުހުންގެ ޙިމާޔަތުގައި، ޤާނޫނާ ޚިލާފަށް އާބާދުވެފައިވާ ޔަހޫދީންގެ ޖަމާޢަތްތަކާއެކު، އިޒްރޭލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވީރު، ހިފާފައިވާ އިރުމަތީ ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ސަރަޙައްދަށް ވަދެގަތުން ކުށްވެރިކޮށްފައެވެ.
ޤަޠަރުން މި ޢަމަލު ސިފަކުރީ ދުނިޔޭގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ "ބަލައިގަނެވެން ނެތް ޢަމަލެއް"ގެ ގޮތުގައި ކަމަށާއި، މިއީ ސަރަޙައްދުގެ ހަމަނުޖެހުން އިތުރުކުރުމުގެ ފުރުޞަތު އޮތް ޢަމަލެއް ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާއިން ވަނީ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އިޒްރޭލުގެ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.
ކުވޭތުގެ ޚާރިޖިއްޔާއިން ބެން-ގްވީރުގެ މި ޢަމަލު ސިފަކުރީ "ފިތުނަ އުފެއްދުމުގެ ޢަމަލެއް"ގެ ގޮތުގައި ކަމަށާއި، ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ސަރަޙައްދީ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ.
އުރުދުންގެ ޚާރިޖިއްޔާއިން މި ޢަމަލު ސިފަކުރީ "އަލްއަޤްޞާގައި މިހާރު އޮތް ތާރީޚީ އަދި ޤާނޫނީ ސްޓޭޓަސް ކޯއަށް ފާޅުކަން ބޮޑު ފުށޫއެރުމަކާއި، އޭގެ ޙުރުމަތްތެރިކަން ފުނޑުކޮށްލުމެއް"ގެ ގޮތުގައެވެ.
ޢައްމާނުން ވަނީ އިޒްރޭލުން މި ސަރަޙައްދުގައި އައު ޙާލަތްތަކެއް ޤާއިމުކުރުމަށް، ނުވަތަ ވަގުތާއި ތަނުގެ ގޮތުން މި ސަރަޙައްދު ބައިކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް އިންޒާރު ދީ، މުޅި 14.4 ހެކްޓަރު (144 ދޮނަމް) ސަރަޙައްދަކީ ހަމައެކަނި މުސްލިމުން އަޅުކަން ކުރާ ތަނެއް ކަމަށާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރަނީ އުރުދުންއާ ގުޅިފައިވާ ޤުދުސްގެ އިސްލާމީ އަޥްޤާފުން ކަން ފާހަގަކޮށްފައެވެ.
މި މަތީ ފެންވަރުގެ ކުށްވެރިކުރުންތައް އައިސްފައި މިވަނީ، ޔަހޫދީންގެ ޔޯމް ކިއްޕޫރު ފާހަގަކުރުމުގެ ކުރިން، ޤާނޫނާ ޚިލާފަށް އާބާދުވެފައިވާ 992 އިޒްރޭލީން މި ސަރަޙައްދަށް ވަދެފައިވާ ދަނޑިވަޅެއްގައި، މިފަދަ ޢަމަލުތައް ޗުއްޓީ ދުވަސްވަރު އިތުރުވަމުންދާ ކަމުގެ އިންޒާރުތަކާއެކުއެވެ.
ނަތަންޔާހޫގެ ޓަނަލް ޒިޔާރާތް ކުށްވެރިކޮށްފި
މީގެ އިތުރުން، ފަލަސްޠީނުގެ މުޤާވަމަތު ޖަމާޢަތް، ޙަމާސްއިން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، މި ސަރަޙައްދުގެ ދަށުގައި ހުންނަ ކޮނުމުގެ ސަރަޙައްދުތަކަށް ވަދެގަތުން ކުށްވެރިކޮށްފައެވެ.
"ބަރަކާތްތެރި އަލްއަޤްޞާ މިސްކިތާއި، އަލްބުރާޤު ފާރު ދަށުގައި ހުންނަ ޓަނަލްތަކާއި ކޮނުމުގެ ސަރަޙައްދުތަކަށް، ފިތުނަ އުފެއްދުމުގެ ބަޔާންތަކާއެކު ނަތަންޔާހޫ ވަދެގަތުމަކީ، މި ސަރަޙައްދުގެ ހަޤީޤަތާއި މަޤާމަށް ފާޅުކަން ބޮޑު ޙަމަލާއެއް" ކަމަށް ޙަމާސްއިން ބުނެފައިވެއެވެ.
"އަލްއަޤްޞާ މިސްކިތް – އޭގެ މުޅި ސަރަޙައްދާއި، ސަޙުނުތަކާއި، ނަމާދު ކުރާ ހޯލްތަކާއި، ފާރުތަކާއި، ދޮރުތައް ހިމެނޭގޮތުން – ދެމިއޮންނާނީ ހަމައެކަނި އިސްލާމީ މިސްކިތެއްގެ ގޮތުގައި" ކަމަށާއި، ކޮނުމުގެ މަސައްކަތްތަކަކުން ނުވަތަ ބައިބަލުގެ ވާހަކަތަކުން "މި ސަރަޙައްދުގެ ހަޤީޤަތް ބަދަލުކުރުމުގައި ދުވަހަކުވެސް ކާމިޔާބު ނުވާނެ" ކަމަށް އެ ޖަމާޢަތުން އިތުރަށް ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ