ރަޝިޔާގެ އެންމެ ބޮޑު އެއް އަމިއްލަ އެއާލައިން ކަމުގައިވާ އެސްސެވަން އެއާލައިންސްއިން، އެ ގައުމުގެ ސައިބީރިޔާގެ ސިޓީއެއް ކަމަށްވާ ނޮވޮސިބިރްސްކުން ސީދާ ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
އޭވިއޭޓާ އިން ރިޕޯޓުކުރި ގޮތުގައި، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފަށާ މި ދަތުރުތަކަކީ، މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސިޓީއަކުން ސީދާ ރާއްޖެއަށް ފެށޭ ފުރަތަމަ ގަވާއިދު ދަތުރުތަކެވެ. ހަފުތާއަކު ދެ ދުވަހު، އެއީ ހޯމަ އަދި ހުކުރު ދުވަހު، އެއާބަސް އޭ320 މަރުކާގެ ބޯޓުގައި ކުރާ މި ދަތުރުތަކުގައި، ނޮވޮސިބިރްސްކްގެ ޓޮލްމަޗޭވޯ އެއާޕޯޓުން ފަތިހު 04:25 ގައި ފުރައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ ރާއްޖެ ގަޑިން މެންދުރު 13:00 ގަ އެވެ. އެނބުރި ފުރާނީ 14:10 ގައި ކަމަށްވާއިރު، ނޮވޮސިބިރްސްކަށް ދާނީ ޖެހިގެން އަންނަ ދުވަހުގެ ފަތިހު 02:30 ގަ އެވެ.
ޓިކެޓް ވިއްކުން ފަށާފައިވާއިރު، ހަމައެކަނި އަތްދަބަހާއެކު ދަތުރުކުރެވޭ "ލައިޓް ފެއާ" ގެ އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 70،000 ރޫބަލް (ގާތްގަނޑަކަށް 12،853ރ.) އިންނެވެ. ލަގެޖާއެކުނަމަ 85،000 ރޫބަލް (15،607ރ.) އިން ފެށޭއިރު، ދެކޮޅު ޓިކެޓް ލިބެނީ ގާތްގަނޑަކަށް 93،400 ރޫބަލް (17،150ރ.) އިންނެވެ. ރަޝިޔާގެ ޓުއާ އޮޕަރޭޓަރު ޓެޒް ޓުއާއިން ވިއްކާ ޕެކޭޖުތަކުގައި ކުރީބައިގައި ބުކްކުރާ ފަރާތްތަކަށް އެކޮމޮޑޭޝަނުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ނޮވެމްބަރު މަހަށް ހާއްސަ ޕެކޭޖުތަކުގެ އަގު ފެށެނީ މީހަކަށް 176،013 ރޫބަލް (32،317ރ.) އިންނެވެ.
ރާއްޖެ އަށް މި ދަތުރުތައް ފެށެނީ ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ދާދިފަހުން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅަށްފަހު އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވަޒީރަކު ރަޝިޔާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ މި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ