މޯލްޑިވްސް ޕޮލިސް ސާވިސް އިން މި އަހަރުގެ ފުރަތަމަ ހަ މަހު ދުވާލަކު ސަރާސަރީ 60 ޑްރައިވަރުން ޖޫރިމަނާކޮށްފައިވާ ކަމަށް ހާމަކޮށްފި އެވެ.
ފުލުހުން ހޯމަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ޖުމްލަ 21,354 އުޅަނދު ވަނީ ބަލައި ފާސްކޮށްފަ އެވެ. މީގެ ތެރެއިން 10,878 އުޅަނދުން ޖޫރިމަނާ ނަގާފައިވާ އިރު، 8,740 ޑްރައިވަރުންނަށް ވަނީ ނަސޭހަތްދީ އިންޒާރު ދީފަ އެވެ.
ފުލުހުން ބުނީ ޖޫން މަހުގެ ނިޔަލަށް ދުވާލަކު ސަރާސަރީ 118 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށާއި، މިއިން ދުވާލަކު ގާތްގަނޑަކަށް 60 ޖޫރިމަނާ ނަގާފައިވާ ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ހަ މަހު ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދުން ޖޫރިމަނާ ނަގާފައިވާ އިރު، 41 ޑްރައިވަރުންނަށް ވަނީ ނަސޭހަތްދީފަ އެވެ.
މީގެ އިތުރުން، ޓޯކުރުމަކާ ނުލައި ޕާކިންގެ ގަވާއިދާ ޚިލާފު މައްސަލަތައް ހައްލުކުރުމުގެ ގޮތުން، މި މުއްދަތުގައި އުޅަނދުތަކުގެ ވެރިންނަށް ފުލުހުން ޖުމްލަ 23,608 ފޯނު ކޯލު ކޮށްފައިވެ އެވެ.
މި މަސައްކަތްތަކާއެކުވެސް، ޕާކިންގެ ގަވާއިދާ ޚިލާފުވެގެން 3,417 އުޅަނދު، ނުރައްކާތެރި ގޮތަކަށް ދުއްވުމުގެ ސަބަބުން 77 އުޅަނދު، ސައްޙަ ލައިސަންސެއް ނެތި ދުއްވުމުގެ ސަބަބުން 1,052 އުޅަނދު، އަދި ހުއްދަ ނުހޯދައި އުޅަނދަށް ބަދަލު ގެނެސްފައިވާ 32 އުޅަނދު ޓޯކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. މަނާ ސަރަހައްދުތަކުގައި ދުއްވުމުގެ ސަބަބުން އިތުރު 71 އުޅަނދު ޓޯކޮށްފައިވާ އިރު، ޓްރެފިކްގެ އެހެނިހެން މައްސަލަތަކުގައި 32 އުޅަނދު ވަނީ ހިފެހެއްޓިފަ އެވެ.
ޕާކިންގެ ގަވާއިދާ ޚިލާފުވެގެން ޓޯކުރި 3,417 އުޅަނދުގެ ތެރެއިން ބޮޑު ބައެއް، ޖުމްލަ 3,336 އުޅަނދަކީ ސައިކަލެވެ. ބާކީ 81 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދެވެ.
ފުލުހުން އިތުރަށް ބުނީ، ރަސްމީ އިވެންޓުތަކާއި ރަސްމިއްޔާތުތަކާ ގުޅިގެން ކުރިން އެންގުމަށްފަހު 1,080 އުޅަނދު އެހެން ތަނަކަށް ބަދަލުކުރި ކަމަށެވެ.
ޓްރެފިކް ގަވާއިދު ތަންފީޒުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން، މި މަހުގެ މެދާ ހަމައަށް ފުލުހުން ވަނީ 998 ޗެކްޕޮއިންޓް ގާއިމުކޮށްފަ އެވެ. މީގެ އިތުރުން، ސްކޫލް ސަރަހައްދުތަކާއި އާންމު މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގެ 10,263 އޮޕަރޭޝަން ފުލުހުން ހިންގާފައިވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫރިމަނާ ކުރުމުގައި އެންމެ ގިނައިން ފާހަގަކުރެވުނު ސަބަބަކީ އަހަރީ ފީ ނުދެއްކުމެވެ. މީގެ ސަބަބުން 2,249 ޖޫރިމަނާ ވަނީ ނަގާފަ އެވެ.
މީގެ އިތުރުން، މުއްދަތު ހަމަވެފައިވާ އިންޝުއަރެންސާއި ރޯޑްވާދިނަސް ސެޓްފިކެޓް، ސައްޙަ ލައިސަންސަކާ ނުލައި ދުއްވުން، އަދި ޓްރެފިކް ނިޝާންތަކަށް ބޯނުލެނބުމުގެ ސަބަބުން ޑްރައިވަރުން ޖޫރިމަނާ ކުރި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެހެން ކުށްތަކުގެ ތެރޭގައި ނަންބަރު ބޯޑާ ގުޅޭ މައްސަލަތަކާއި، ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރުމާއި، ޓެކްސީ ގަވާއިދާ ޚިލާފުވުން ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ