ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށަށާއި މާލޭގެ ބާޒާރަށް ގެނައުމަށްޓަކައި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ޚާއްޞަކޮށްގެން ބަނދެފައިވާ "އެގްރިބޯޓު"ގެ އޮޕަރޭޝަން ރަސްމީކޮށް ފަށައިފިއެވެ.
އެގްރިބޯޓުގެ ފުރަތަމަ ދަތުރު އަމާޒުކޮށްފައިވަނީ މާލެއިން ހައްދުންމައްޗަށެވެ. މިހާރު ކުރިއަށްދާ މި އޮޕަރޭޝަންގައި ބޯޓު މަރުކަޒުކޮށްފައި އޮންނާނީ ހައްދުންމަތީގައި ކަމަށާއި، ހައްދުންމަތީގެ ދަނޑުވެރިން އުފައްދާ ތަކެތި ހިފައިގެން މިމަހުގެ 21 ވަނަ ދުވަހު ބޯޓު އެނބުރި މާލެ ފުރާނެ ކަމަށް އެގްރޯނެޓުން މަޢުލޫމާތުދެއެވެ. މި ދަތުރުގައި ޖުމްލަ 11,200 ކިލޯގްރާމުގެ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހައްދުންމަތީ ގަމުގެ ދަނޑުވެރިން ހައްދާ ކަރާ، ބަރަބޯ، ޕެޝަން ފުރުޓް، ފަޅޯ އަދި ކިއުކަމްބާ ހިމެނެއެވެ.
މި އޮޕަރޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއްގެ ދަށުން ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ގެނެސްދިނުމާއެކު، އެ ބާޒާރު އިތުރަށް ފުޅާކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތައް ފުރިހަމަކުރެއްވުމަށްޓަކައި، އެގްރޯނެޓާ ޙަވާލުކުރައްވައިގެން ހިންގަވާ ބޮޑު ޕްރޮގްރާމުގެ މުހިންމު ބައެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ