ބޮލީވުޑް ތަރި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ލަވައެއް ކިޔާ ވީޑިއޯއަކަށް، ބައްޕަ ކުރި މަޖާ ކޮމެންޓަކުން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ސުހާނާ އިންސްޓަގްރާމުގައި ހިއްސާކުރި މި ވީޑިއޯ ނަގާފައިވަނީ، ބައްޕައާއި ދަރިފުޅު އެކުގައި ފެނިގެންދާ ފިލްމު "ކިންގް" ގެ ލަވައަކަށް ތައްޔާރުވަމުންދިޔަ ވަގުތުއެވެ. މި ލަވައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ކިޔާފައިވާ ބައެއް ވެސް ހިމެނެއެވެ. އެޑް ޝީރަން އަވަސް އަވަހަށް ކިޔާފައިވާ އިނގިރޭސި ބައިތައް ސުހާނާ ފަރިތަކަމާއެކު ކިޔާލި ގޮތަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
ވީޑިއޯއަށް ކޮމެންޓު ކުރަމުން ޝާހްރުކް ސުވާލުކޮށްފައިވަނީ، އެޑް އެހާ އަވަހަށް ކިޔާއިރު އެ ހުރިހާ ބަސްތަކެއް ސުހާނާ ހަނދާން ބެހެއްޓީ ކިހިނެއްތޯއެވެ. އޭނާއަށް އެ ބަސްތައް ހަނދާންކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް ޝާހްރުކް ބުނެފައިވެއެވެ.
ޝާހްރުކްގެ ކޮމެންޓާއެކު، ބައްޕައާއި ދަރިފުޅުގެ މެދުގައިވާ ގާތްކަމަށް ފޭނުން ތައުރީފުކުރަމުން ދެއެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އަކީ މި ދެމީހުން ބޮޑު ސްކްރީނުގައި އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
ކޮމެންޓު ފޮނުވާ