ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ، މުޅި ރާއްޖެއަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓެއް ނެރެފިއެވެ.
މި އެލާޓް ހިނގާނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އަށެވެ. މެޓް އޮފީހުގެ ލަފާގައި، މި މުއްދަތުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި ވިލާގަނޑުތަކާއެކު ގަޑިއަކު 35 މޭލުގެ ބާރުގައި ވައި ޖެހިދާނެއެވެ.
ވިއްސާރަ ދެމިގެން ދިއުމުން ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މިހާރު ކުރަމުންދާ ވިއްސާރައިން އެކި ރަށްރަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެންމެ ފަހުގެ މޫސުމީ މަޢުލޫމާތަށް ސަމާލުވެ ތިބެ، ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ރައްޔިތުންނަށް އެދިފައިވެއެވެ. ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން މޫސުމާމެދު ވަކިން ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ