މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 40،000 ދަށްވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީގެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައިސްފައިވަނީ 660،000 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި 701،000 ފަތުރުވެރިން ރިސޯޓުތަކަށް އައިސްފައިވެއެވެ. މިއީ ގާތްގަނޑަކަށް ހަ އިންސައްތައިގެ ވެއްޓުމެކެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 70 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި ކަމަށްވާއިރު، މި އަދަދުތައް ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް ވަނީ ލަފާކުރެވިފައެވެ.
ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 225،000 ފަތުރުވެރިން ގެސްޓްހައުސްތަކަށް އައި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 223،000 އަށް ދަށްވެފައެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް، މިއަހަރުގެ މިހާތަނަށް އައިސްފައިވާ 950،000 ފަތުރުވެރިންނަކީ މިދިޔަ އަހަރާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ.
މި ހިނގާ ޖޫން މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 7،000 އެއްހާ ފަތުރުވެރިންނެވެ. މިއީވެސް މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ. މާޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ބޮޑުތަނުން ދަށްވި ނަމަވެސް، މިދިޔަ މަހު އެ އަދަދުތައް ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެން ފަށާފައެވެ. އާންމުގޮތެއްގައި މެއި މަހަކީ ޔޫރަޕާއި މެދުއިރުމަތިން އަންނަ މީހުން މަދު މަހެއް ނަމަވެސް، އެ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ.
ކޮމެންޓު ފޮނުވާ