ތިން ރައީސުން އުފެއްދެވި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި

ތިން ރައީސުން އުފެއްދެވި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި

Author
އަހުމަދު
17 މެއި 2026 02:40
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ކުރީގެ ތިން ރައީސުން ގުޅިގެން އުފެއްދެވި ހާއްސަ ކޮމިޓީއަށް މިއަދު މެންބަރުން އައްޔަންކުރައްވައިފިއެވެ.

ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރައްވައި، ގައުމީ މުހިންމު މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން އުފެއްދެވި ކޮމިޓީގައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ ބޭފުޅުން ތަމްސީލުކުރައްވާނެއެވެ.

އެގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޮމިޓީއަށް އައްޔަންކުރެއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި އިސްމާއީލް ޒަރިޔަންދެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އައްޔަންކުރެއްވިއިރު، ރައީސް ސޯލިހުގެ ފަރާތްޕުޅުން އައްޔަންކުރެއްވީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

މި ތިން ބޭފުޅުން ގުޅިގެން ނެރުއްވި ބަޔާނެއްގައި ވަނީ، މިހާރުގެ ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ނަގާލައި، ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން، މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި ނޫސްވެރިން ޖަލަށްލަމުންދާކަން ފާހަގަކުރައްވައި، ދިވެހިން ހޯދާފައިވާ ޑިމޮކްރެސީގެ ހަމަތައް ފުހެވިގެން ދިޔަނުދީ ގައުމު ހަމަމަގަށް އެޅުވުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.