ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގައި ރަށްވެހިވާން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ބޭނުންވާ ރަސްމީ ލިޔުން އެ ކުންފުނިން ދޫކުރަން ފަށައިފިއެވެ.
މި 4،000 ފްލެޓް ލިބުނު މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެގެން ޝަރުތު ހަމަވި ފަރާތްތައް ވެސް ހިމެނެއެވެ. މީގެ ކުރިން މި ފަރާތްތައް މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ކުރުން ލަސްވެފައިވަނީ އެތަނުގައި ދިރިއުޅޭ މީހުންނާއެކު ކުލީގެ އެއްބަސްވުމެއް ހަދާތީ ކަމަށް ބުނެއެވެ. ނަމަވެސް، މިހާރު މާލެ ސިޓީ ކައުންސިލުން އެ މީހުން މާލޭގެ ރަޖިސްޓްރީގައި ހިމަނައިދޭނީ އެފްޑީސީން ދޫކުރާ މި ރަސްމީ ލިޔުން ހުށަހެޅުމުންނެވެ.
އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ލިޔުން ދޫކުރަމުން ގެންދާނީ އެ ކުންފުނީގެ "ފަހި ޕޯޓަލް" މެދުވެރިކޮށެވެ. ޕޯޓަލްއަށް ލޮގްއިން ވުމަށްފަހު މައިގަނޑު ތިން ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. އެއީ އެޓެސްޓްކޮށްފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީއަކާއި، އެޓެސްޓްކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓުގެ އިތުރުން އެޓެސްޓްކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓެވެ. މި ލިޔުންތަކާއި ހުށަހަޅާ މައުލޫމާތުތައް ޗެކްކުރުމަށްފަހު، މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ރަސްމީ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޫކުރާނެ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު މާލޭގެ މޭޔަރު އާދަމް އާޒިމަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި އެދިފައިވަނީ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ރަޖިސްޓްރީ ހަދައިދިނުމުގެ ހުއްދަ އެ ކުންފުނިން ދިނުމާއެކު، މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި އެ މީހުން ހިމަނައިދިނުމަށެވެ.
ކޮމެންޓު ފޮނުވާ