މުޅި ރަޝިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ބިޔަ ޕްރޮގްރާމެއް ފެށުމަށް ޕުޓިން އަމުރު ކުރައްވައިފި

މުޅި ރަޝިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ބިޔަ ޕްރޮގްރާމެއް ފެށުމަށް ޕުޓިން އަމުރު ކުރައްވައިފި

Author
ހުސެއިން
14 ޖެނުއަރީ 2021 06:41
0

އަންނަ ހަފްތާއިން ފެށިގެން، ރަޝިއާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމަށް އަމާޒުކޮށް، އެގައުމުގައި ވެކްސިން ދިނުމުގެ ބިޔަ ޕްރޮގްރާމެއް ފެށުމަށް ރަޝިއާގެ ރައީސް ޕުޓިން އެގައުމުގެ މުވައްސަސާތަކަށް އަމުރު ކުރައްވައިފިއެވެ.

ދުނިޔޭގައި 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވްވެފައިވާ ގައުމުކަމުގައިވާ ރަޝިއާއިން ވަނީ ފާއިތުވެދިޔަ މަހުގައި ފުޅާ ދާއިރާއެއްގައި އެގައުމުގައި ކޯވިޑް19 އަށް ވެކްސިން ދޭން ފަށާފައެވެ.

ރަޝިއަން ޑިރެކްޓް އިންވެސްޓްމަންޓް ފަންޑު (RDIF)އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް އައިއިރު، ރަޝިއާއިން އުފައްދާފައިވާ ސްޕުންޓިކް V ވެކްސިން އެގައުމުގެ 1.5 މިލިއަން މީހުންނަށް ވަނީ ދީފައެވެ.

"އަހަރެން ބޭނުން ވަނީ އަންނަ ހަފްތާގައި، މުޅި ރަޝިއާގެ އާބާދީއަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން،" ސަރުކާރުގެ އޮފިޝަލުންނާ، ވީޑިއޯ މެދުވެރިކޮށް ބޭއްވި، އަދި ގައުމީ ޓީވީން ވަގުތުން ދުރަށްދެއްވި މިއިވެންޓުގައި ޕުޓިން ވިދާޅުވެފައި ވެއެވެ.

ރަޝިއާގެ ބޮޑުވަޒީރުގެ ނާއިބު، ޓަޓިއާނާ ގޮލިކޯވާ ވިދާޅުވި ގޮތުގައި، އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެން، މިހާރު ކުރިޔަށް ގެންދާ ވެކްސިން ޕްރޮގްރާމް މުޅިއާބާދީއަށް ފުޅާކުރުމަށް ރަޝިއާގެ މުވައްސަސާތައް އޮތީ ތައްޔާރަށެވެ.

ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރަޝިއާއަށް ކޯވިޑް19ގެ ދެވަނަ ވޭވްއެއް އައިސްފައިވި ނަމަވެސް، ރަޝިއާގައި ކޯވިޑް19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅު އަޅާފައެއް ނުވެއެވެ. ރަޝިއާއިން ބުނެފައިވަނީ، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިނުވަނީ، މިހާރު އަޅާފައިހުރި ފިޔަވަޅުތަކުން، ކޯވިޑް19 އެގައުމުގައި ކޮންޓްރޯލް ކުރެވޭނެކަމަށް ބެލެވޭތީއެވެ.

މިހާފްތާގެ ބުދަ ދުވަހު އެކަނިވެސް ރަޝިއާގައި، 22،850 މީހުން ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު، ރަޝިއާގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދުވަނީ 3.9 މިލިއަނަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.