އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހެން ގައުމުތަކަށް އިންޒާރު ދެއްވަމުން ގެންދަވާތީ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ލޫލާ ވިދާޅުވީ، ވަކި ގައުމަކަށް އިންޒާރު ދިނުމުގެ އެއްވެސް ހައްގެއް ޓްރަމްޕަށް ލިބިވަޑައިގެން ނުވާކަމަށެވެ. ލޫލާ މިހެން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ އީރާން ސުންނާފަތިކޮށްލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދާދިފަހުން ދެއްވި އިންޒާރާ ގުޅިގެންނެވެ. އެމެރިކާގެ ގާނޫނު އަސާސީގައި ހަނގުރާމައާއި ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސް އާއި ކޮންގްރެސްއާ ދެމެދު ބެހިފައިވާކަން ލޫލާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ބާރުގަދަ ގައުމުތަކުގެ ލީޑަރުން ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ބައިނަލްއަގްވާމީ ވިޔަފާރީގެ މައްސަލަތަކުގައި ޓްރަމްޕާއި ލޫލާއަކީ މުޅިން ތަފާތު ދެ ވިސްނުމެއް ގެންގުޅުއްވާ ދެ ބޭފުޅުންނެވެ. މިދިޔަ އަހަރު ދެބޭފުޅުން ބައްދަލުކުރައްވައި ވިޔަފާރީގެ ޓެރިފްތަކަށް ލުޔެއް ގެނެސްދެއްވައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރެއްވި ނަމަވެސް، އެމެރިކާ އާއި ބްރެޒިލްގެ ގުޅުން އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
ލޫލާ ސްޕެއިންގެ ނޫހަށް އިންޓަވިއު ދެއްވާފައިވަނީ، އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރެއްވުމަށާއި ޕްރޮގްރެސިވް ލީޑަރުންގެ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. ހޮނިހިރު ދުވަހު ބާސެލޯނާގައި އޮންނަ މި ފޯރަމްގައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް އާއި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ