އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުވިދާޅުވުންތަކާ ގުޅިގެން، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލަ އިނގިރޭސި ސަރުކާރުން މި ވަގުތަށް މަޑުޖައްސާލައިފިއެވެ.
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއަށް ދިނުމަށް އެކުލަވާލި ބިލު ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ (ހައުސް އޮފް ލޯޑްސް) އަށް ފޮނުވައި، ބަހުސް ފަށަން ތައްޔާރުވެފައި ވަނިކޮށް މިކަން ހުއްޓުމަކަށް އައީ ޓްރަމްޕް މިކަމާ ފާޅުގައި ދެކޮޅު ހެއްދެވުމުންނެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ވެސް މިހާރު މި ބިލު ހިމަނާފައެއް ނުވެއެވެ.
މި ބިލުގައި ހުށަހަޅާފައި އޮތީ، އަހަރަކު 101 މިލިއަން ޕައުންޑުގެ ކުއްޔަކަށް 99 އަހަރު ދުވަހަށް ޑިއޭގޯ ގަރސިއާ އެ ޤައުމަށް ދިނުމަށްފަހު، ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސްއާ ހަވާލު ކުރުމަށެވެ. ނަމަވެސް، މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަމުންދަނީ މިއީ 1966 ވަނަ އަހަރު އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ޚިލާފު، އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ފުށުއަރާނެ ކަމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ޑިއޭގޯ ގަރސިއާގައި ވަނީ ދެ ޤައުމު ގުޅިގެން ބޮޑު އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައެވެ.
މި މުއާހަދާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމެރިކާގެ ރުހުން ވެސް ބޭނުންވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ޗާގޯސް މޮރިޝަސްއަށް ދިނުމަކީ އިނގިރޭސިން ހަދާ ވަރަށް ބޮޑު "ގޯހެއް" ކަމަށް ސިފަކުރައްވާފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސްޓޭންޑަކީ ވެސް ޗާގޯސް މޮރިޝަސްއަށް ދިނުމާ ދެކޮޅު ހެދުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އިނގިރޭސިން ޗާގޯސް ދޫކޮށްލާ ހާލަތެއްގައި، އެ ރަށްތައް ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ