އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ނުރައްކާތެރި ވައިގެ ޙަމަލާތަކެއްގައި، އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ)ގެ ޖާސޫސީ ވެރިޔާ މާޖިދު ޚާދިމީ ޝަހީދުކޮށްލައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ވެރިރަށް ތަހްރާނުގެ އިރުމައްޗާއި، ހުޅަނގު އަދި ދެކުނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދެމުންދާ މި ޙަމަލާތަކުގައި ޢާންމު ޚިދުމަތްތަކަށާއި ޢުމްރާނީ ބިނާތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އެގޮތުން، ތަހްރާނުގެ އުތުރުގައި ހުންނަ ޝާރިފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ހިމެނޭހެން މިހާތަނަށް 30 އަށްވުރެ ގިނަ ޔުނިވަރސިޓީއަކަށް ޙަމަލާދީފައިވާއިރު، މުހިންމު ދިރާސާކުރާ މަރުކަޒެއް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.
ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން، ވެކްސިން އުފައްދާ މަރުކަޒުތަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލްތަކަށް ދިން ޙަމަލާތަކާ ގުޅިގެން ސިއްޙީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އަދި އީރާނުގެ އިޤުތިޞާދު އިނދަޖައްސާލުމުގެ ބޭނުމުގައި، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ޢާންމުން ދަތުރުފަތުރުކުރާ ބުރިޖުތަކަށް ވެސް ދަނީ ބޮން އަޅަމުންނެވެ. ތަހްރާނުގެ އިތުރުން އީރާނުގެ އެހެން ސަހަރުތަކަށް ވެސް މެދުކެނޑުމެއްނެތި މި ޙަމަލާތައް ދަނީ ދެމުންނެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ފެށި މި ނިރުބަވެރި ޢުދުވާނުގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މިކަމުގެ ރައްދުގައި އީރާނުން ވެސް ދަނީ ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޔަހޫދީންގެ މުހިންމު ބިނާތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އަދި ވެރިރަށަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކުރާނަމަ، މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ