މާލެ ސަރަހައްދުގައި ކައްކާ ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުން، 1،500 ޓަނުގެ އާ ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް ދައުލަތުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) އިން ފަށައިފިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ނިޔަލަށް މި އާ ސްޓޯރޭޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ސަޕްލައި ޗޭނަށް އައި ލޮޅުންތަކާއެކު ރާއްޖެއަށް ގޭސް ލިބުމުގައި ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ވަނީ ކޮންޓްރޯލްކޮށްގެން ގޭސް ވިއްކަން މަޖުބޫރުވެފައެވެ. އެގޮތުން ގޭސް އެއްކޮށް ހުސްވިޔަ ނުދިނުމަށް 10 ކިލޯގެ ފުޅިއަށް 5 ކިލޯ ގޭސް އަޅައިގެން 100 ރުފިޔާއަށް ވެސް ވަގުތީ ގޮތުން ވިއްކާފައިވެއެވެ.
ރާއްޖެއަށް ގޭސް އެތެރެކުރުމުގެ ނިޒާމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެއާއި ލަންކާ އަދި ބަންގްލަދޭޝްއަށް ގޭސް ސަޕްލައިކުރަނީ އެއް ބަޔަކު ކަމަށެވެ. އަދި ގިނަ ފަހަރަށް ކަނޑުމަތިން ބޯޓުން ބޯޓަށް ގޭސް ބަދަލުކުރުމުގެ މަސައްކަތް ހިނގަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު އެސްޓީއޯގައި ހުރީ 1،000 ޓަނުގެ ގޭސް ރައްކާކުރެވޭ ކެޕޭސިޓީއެވެ.
އަލަށް ހަދާ 1،500 ޓަނުގެ ސްޓޯރޭޖާއެކު މާލެ ސަރަހައްދުގައި ދެ މަހާއި ބައިގެ ގޭސް ސްޓޮކެއް ބެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު މި މަސައްކަތް އޮތީ ތަކެތި ހޯދުމުގެ މަރުހަލާގައެވެ. ސަރުކާރުން ރާވައިގެން ގޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް އާ ޝިޕްމަންޓެއް ލިބި، އާންމުކޮށް ގޭސް ލިބުމުގައި ދިމާވި ދަތިތައް މިހާރު ވަނީ އެއްކޮށް ހައްލުވެފައެވެ.
ކޮމެންޓު ފޮނުވާ