އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ކުރިމަތިލާ ފަރާތްތަކުން، މަގާމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ޖެހޭ ފޯމު، މުއްދަތުގެ ތެރޭގައި ރައީސް އޮފީހަށް ހުށަހަޅަން ޖެހެ އެވެ.
ރައީސް އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން، އުމުރުން 35 އަހަރުވެފައި ވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައި ވުމުގެ އިތުރުން، މަދުވެގެން ހަތް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލި އިރު، އެންމެ ފަހުން އެ މަގާމުގައި ހުންނެވީ އާހިދު ރަޝީދެވެ.
ކޮމެންޓު ފޮނުވާ