ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާ ދަން ޖައްސައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ބިލާ ބެހޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ތިން މަރުހަލާ ނިމި މަރުގެ ހުކުމް ކުރެވިފައިވާ މީހުން ތިބިނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން އެ ހުކުމް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ 100 އިންސައްތަ އިސްލާމީ ގައުމަކަށް ވާތީ، އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންކުރާ ބައަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހިސާބަށް ދިޔަ މައްސަލަތައް ހިފަހައްޓާލުމުގެ ހައްގެއް އިސްލާމީ ދައުލަތެއްގެ ރައީސަކަށް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ބިލުގައި ހިމެނެނީ ގިސާސް ހިފުމާއި ޑްރަގް ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމެވެ. ގިސާސް ހިފުމަކީ މީހުން މެރުމުން ދުރުހެލިކޮށް، މުޖުތަމައުގެ އަމާންކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ ހަމަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެ ކުށަށް މަރުގެ އަދަބު ދެވޭނެކަން ގާނޫނުގައި ބަޔާންކޮށްފައި ހުންނަން ޖެހެއެވެ. ތިން މަރުހަލާގެ ކޯޓުން މައްސަލަ ނިންމަން ޖެހޭއިރު، ވަކީލެއްގެ އެހީތެރިކަމާއެކު އަދުލުވެރި ޝަރީއަތެއް ހިންގަން ވެސް ޖެހެއެވެ. މީހަކު މަރާލުމުގެ މައްސަލައެއްގައި ނަމަ، މަރުވި މީހާގެ ވާރިސުން ގިސާސް ހިފަން ބޭނުންވާން ޖެހެއެވެ.
ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާތާ ހަ މަސް ފުރުމުން ތަންފީޒުކުރުމުގެ އިޖުރާއަތު ފަށާނެއެވެ. ތާރީޚާއި ވަގުތު ކަނޑައަޅައި ހުއްދަ ދޫކުރާނީ ހަތް މެމްބަރުންގެ ޕެނަލަކުންނެވެ. އެ ޕެނަލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ. ކުށްވެރިޔާ ބަލިވެ އިނދެ ނުވަތަ ދަރިފުޅަށް ދެ އަހަރު ނުފުރޭނަމަ ތަންފީޒުކުރުން ފަސްކުރެވިދާނެއެވެ. ހުކުމް މުރާޖަޢާކުރަން ހުށަހަޅާފައިވާނަމަ، ނުވަތަ ސިއްހީ ނުވަތަ ނަފްސާނީ ހާލަތު ދަށްވެފައިވާނަމަ ވެސް ފަސްކުރެވިދާނެއެވެ.
ހުކުމް ތަންފީޒުކުރާނީ އާންމުންނަށް ނުފެންނަ ތަނެއްގައެވެ. އެ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރުމާއި އާންމުކުރުން ބިލުގައި މަނާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ