ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އިޤްތިޞާދީ ގޮތުން ދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ "ރިވެލި އެވޯޑު"، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެއެވެ.
އެވޯޑު ހަވާލުކޮށްދެއްވީ ބާސެލޯ ނަސަންދުރާ ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުއެވެ. އެޗްޑީސީގެ ފަރާތުން އެވޯޑާ ހަވާލުވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.
އެޗްޑީސީއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްޤީކުރުމުގެ ތަމްރީނު ފަހިކޮށްދޭ ސަރުކާރުގެ ކުންފުންޏެކެވެ. ހަމަހަމަކަމާއި އޯގާތެރިކަމާއެކު، އެންމެންނަށް ޝާމިލުވެވޭނެ ވަޒީފާގެ މާޙައުލެއް އެ ކުންފުނިން ގާއިމުކޮށްދީފައިވެއެވެ. މިހާރު އެޗްޑީސީގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން މަސައްކަތްކުރެއެވެ.
ކޮމެންޓު ފޮނުވާ