ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން އުވާލަން އިގްތިސޯދީ ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން އުވާލަން އިގްތިސޯދީ ކޮމިޓީން ފާސްކޮށްފި

Author
އަހުމަދު
09 ނޮވެމްބަރ 2026 09:06
0

 

ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުން އުވާލުމާއި، ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ގެނައި އިސްލާހުތަކާއެކު ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން އިއްތިފާގުން ފާސްކޮށްފިއެވެ.

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި އިސްލާހާއެކު، 12 މަހުގެ ތެރޭ އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ އާމްދަނީ ލިބޭ ވިޔަފާރިތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ މިހާރުގެ އުސޫލަށް އަމަލުކުރާނީ މި އަހަރު ނިމެންދެނެވެ. އަންނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް ބަދަލުވާނެއެވެ. އަދި ފާއިތުވި 12 މަހު ނުވަތަ ކުރިއަށް އޮތް 12 މަހު 750,000 ރުފިޔާއަށް ވުރެ މަދުން ވިޔަފާރި ކުރާ ފަރާތްތަކަށް ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރަން އެދެވޭނެ ގޮތް ވެސް ހަދާފައިވެއެވެ. މި އިސްލާހަށް ފަރެސްމާތޮޑާ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއިރު، މުޅި ބިލު ފާސްކުރަން ހުށަހެޅުއްވީ ހެންވޭރު އުތުރު މެންބަރު އަހުމަދު އައިފާނެވެ.

ޖީއެސްޓީ ރަޖިސްޓްރީގެ މިންގަނޑު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ އިއުލާނުކުރައްވާފައެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު ރައީސް ތަސްދީގުކުރެއްވީ އޮގަސްޓު 31 ގައެވެ. އޮކްޓޫބަރު 1 އިން ފެށިގެން އެ ބަދަލަށް އަމަލުކުރަން ފެށުމާއެކު ރަޝިޔާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކުރިއެވެ. ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ ޖަމިއްޔާތަކުން ވެސް ކުރިމަތިވާނެ މާލީ އަދި އިދާރީ ދަތިތައް ބަޔާންކޮށް، އެ ބަދަލު އަންނަ އަހަރަށް ފަސްކުރުމަށް އެދި މީރާއަށް ސިޓީ ފޮނުވިއެވެ. މި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، ރައީސް ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.