ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކަށް ޚިދުމަތްކުރާ ފަރާތްތައް ފާހަގަކޮށް ސަރުކާރުން ދޭ "ރިވެލި އެވޯޑު" މިއަހަރު 8 ފަރާތަކަށް ލިބިއްޖެއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެވޯޑުތައް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިއަހަރު އެވޯޑަށް 25 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، އެވޯޑު ދީފައިވަނީ ހަ ދާއިރާއަކުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން އެވޯޑު ލިބުނީ ހދ. ކުރިނބި ޢަލީ ސަމީމާއި ސ. މަރަދޫ މުޙައްމަދު ނާހިލް ސަލާމާއި ހ. ޝަފީޤުގެ ޢާއިޝަތު ޝަފީޤަށެވެ. ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދިނުމުގެ ދާއިރާއިން ށ. ބިލެތްފަހި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށް އެވޯޑު ލިބުނުއިރު، ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން އަމީނިއްޔާ ސްކޫލަށާއި ފަންނީ އަދި ފަރުދީ އެހީތެރިކަމުގެ ދާއިރާއިން ހދ. ކުޅުދުއްފުށި ފާޠިމަތު މުޙައްމަދަށް އެވޯޑު ލިބިއްޖެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑު ލިބުނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރި ށ. ކޮމަންޑޫ އިސްމާޢީލް ރާހިލަށް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ޚާއްޞަ ހަނދާނީ ފިލައެއް ވެސް އަރުވައިފިއެވެ.
2012 ވަނަ އަހަރު ފެށި ރިވެލި އެވޯޑު، މިހާތަނަށް 67 ފަރާތަކަށް ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ