މަރުގެ އަދަބާއި އިމިގްރޭޝަނުގެ ބިލާއެކު ރިއަލް އެސްޓޭޓް ބިލު މަޖިލީހުގެ އެޖެންޑާއަށް

މަރުގެ އަދަބާއި އިމިގްރޭޝަނުގެ ބިލާއެކު ރިއަލް އެސްޓޭޓް ބިލު މަޖިލީހުގެ އެޖެންޑާއަށް

Author
އަހުމަދު
09 ނޮވެމްބަރ 2026 09:04
0

 

ރަސްމާލޭގެ ބިމުން ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކުރުމަށް މަގުފަހިކޮށްދޭ ރިއަލް އެސްޓޭޓް ބިލު ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން ހަތަރު ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރިއަލް އެސްޓޭޓް ބިލު ހުށަހެޅުއްވީ ފެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ. އަނެއް ތިން ބިލަކީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ބިލެވެ. މި ބިލުތަކުގެ ފުރަތަމަ ކިޔުން މިއަދު އިއްވުމަށް ތާވަލުކޮށްފައިވާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަހުސް ވެސް މިއަދު ފެށުމަށް ހަމަޖެހިފައިވެ އެވެ.

ރިއަލް އެސްޓޭޓް ބިލު ހުށަހަޅާފައިވަނީ ރަސްމާލޭގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެފަދަ ބިލެއް ހުށަހަޅާނެކަން ސަރުކާރުން އިއުލާނުކުރުމުން އެވެ. މި ބިލަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށް ދެ ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން، ފުށިދިއްގަރުފަޅުން ހިއްކި ރަސްމާލޭގެ 500 ހެކްޓަރު ބިން ދޫކުރަނީ އެކުއިޒިޝަން ފީއެއް ނުވަތަ ބިމުގެ ކުލި ނުނަގަ އެވެ. ސަރުކާރަށް ލިބޭނީ ކޮމާޝަލް ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓާއި، އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ އާމްދަނީގެ ހަތަރު ޕަސެންޓެވެ.

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް އިޒްރޭލާ ގުޅުން ހުރުމާއި، މި މަޝްރޫއުގެ ސަބަބުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިދާނެތީ ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުން ދެ އެވެ. މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތް" އާއި އިދިކޮޅު އެމްޑީޕީން ވަނީ މިކަމާ ބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.