ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ނިންމާފައިވާ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ތައްޔާރުކުރި "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ބިލުގެ ތަފްސީލު ހިއްސާކުރައްވަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަ ކަމަށާއި، މި މަޝްރޫއުން ރައްޔިތުންނަށް އޮތީ ފައިދާ ކަމަށެވެ.
މި މަޝްރޫއުގައި އާންމު ވޯޓެއް ނެގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް ގަރާރެއް ހުށަހަޅާފައިވެއެވެ. ނަމަވެސް މިއީ ރިފަރެންޑަމެއް ހިނގާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާވާނެ ގޮތް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ހައްގުތައް ރައްކާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން، ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކުގައި މަދުވެގެން 200 ހެކްޓަރުގެ ބިމާއި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނެން ޖެހޭނެއެވެ. ޒޯނު ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށް ކަމަށާއި، ޑިވެލޮޕަރަށް ލިބޭ ސާފު އާމްދަނީގެ 10 ޕަސެންޓް ދައުލަތަށް ދައްކަން ޖެހޭނެއެވެ. ޒޯންތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ހިދުމަތްތަކުންނެވެ. ޖުވާކުޅުމާއި އިސްލާމީ ޝަރީއަތާ ހިލާފު ކަންކަމާއި، އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހެދުން ވެސް މަނާކޮށްފައިވެއެވެ.
ޒޯނުގެ ޕްރޮޕަޓީތައް ލީސްހޯލްޑް އުސޫލުން 99 އަހަރަށް ވިއްކިދާނެއެވެ. ނަމަވެސް އިޒްރޭލުގެ މީހުންނަށާއި އިޒްރޭލުގެ ހިއްސާ ހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެއެވެ. އެއް ގައުމެއްގެ ފަރާތްތަކަށް ޒޯނުގެ 25 ޕަސެންޓަށް ވުރެ ގިނައިން ވިއްކުމާއި، ރާއްޖެ އެތެރެވުން މަނާ މީހުންނަށް ވިއްކުން ވެސް ބިލުގައި މަނާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ