ބޯހިޔާވަހިކަން ލިބޭ މީހުން ކުރިން އޮތް ގޯތި ނުވަތަ ފްލެޓް ދޫކޮށްލުމުގެ އާ އުސޫލެއް އެކުލަވާލައިފި

ބޯހިޔާވަހިކަން ލިބޭ މީހުން ކުރިން އޮތް ގޯތި ނުވަތަ ފްލެޓް ދޫކޮށްލުމުގެ އާ އުސޫލެއް އެކުލަވާލައިފި

Author
އައިޝަތު އަޙްމަދު
24 މާރޗް 2026 12:36
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭ ފަރާތްތަކުން، އެ މީހުންނަށް ކުރިން ލިބިފައިވާ ބިން ނުވަތަ ފްލެޓް ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އާ އުސޫލެއް ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފިއެވެ.

"ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި އާންމުކުރި މި އުސޫލުގެ ދަށުން، ކުރިން ލިބިފައިވާ ބިމެއް ނުވަތަ ގޯއްޗެއް ދެން ދޫކޮށްލެވޭނީ އާއިލާގެ މީހުންގެ ތެރެއިން އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ނެތް މީހަކަށެވެ. އެގޮތުން ބިން ދޫކޮށްލެވޭނީ އަމިއްލަ ދަރިންނަށާއި، މަންމަ ނުވަތަ ބައްޕައަށާއި، އަނބިމީހާ ނުވަތަ ފިރިމީހާއަށާއި، އަދި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންގެ ތެރެއިން މީހަކަށެވެ. މިއިން އެއްވެސް މީހަކު އާއިލާގައި ނެތްނަމަ، ދެން އެ ބިމެއް ދޫކޮށްލަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައިވާ ބިންތަކާއި، ތަރިކައިންނާއި ވަސިއްޔަތުން ލިބޭ ބިންތަކަށްވެސް އަމަލުކުރާނީ ހަމަ މިގޮތަށެވެ.

ބިން ލިބޭ އާއިލާގެ މީހަކީ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް، ނުވަތަ ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ލިބިފައިވާ ގޯއްޗެއް ނުވަތަ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް އޭނާގެ ނަމުގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކުރިން ލިބިފައިވާ ފްލެޓެއް ނަމަ ދޫކޮށްލަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ މީހަކަށެވެ. ފްލެޓް ދޫކޮށްލާއިރު ހުންނަން ވާނީ ތަނުގެ ހާލަތަށް އައިސްފައިވާ އެކަށޭނަ ބަދަލުތައް ފިޔަވައި އެހެން ގެއްލުންތައް މަރާމާތުކޮށް، އެކަށީގެންވާ ފެންވަރަކަށް ހަދާފައެވެ. އަދި މި ފްލެޓްތައް ލިބޭ މީހުންގެ ކިބައިގައިވެސް ކުރިން ދެންނެވުނު ފަދަ އެއްވެސް ބޯހިޔާވަހިކަމެއް ނެތުން ވަނީ ޝަރުތުކޮށްފައެވެ.

މި އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން އާ ފްލެޓެއް ނުވަތަ ބިމެއް ލިބޭތާ ގިނަވެގެން 5 އަހަރު ދުވަހުގެ ތެރޭގައި ކުރިން އޮތް ތަން ދޫކޮށްލަން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.