އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ޙަމަލާދިނުމުގެ ހުއްދަ އެމެރިކާއަށް ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.
މި ހަނގުރާމައަށް ތިން ހަފުތާ ވެފައިވާއިރު، މީގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ. ފުރަތަމަ ކޮޅު ހުޅަނގުގެ ބައެއް ޤައުމުތަކުން މި ހަނގުރާމައިގައި ބައިވެރިނުވުމަށް ނިންމި ނަމަވެސް، އިޤުތިޞާދީ ގޮތުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ބޭނުމުގައި ކަމަށްބުނެ އެ ޤައުމުތަކުން މިހާރު ވަނީ އެމެރިކާއާ ގުޅެން ފަށާފައެވެ. މިގޮތުން އިނގިރޭސިވިލާތުންވެސް މިވަނީ އެމީހުންގެ ސިޔާސަތު ބަދަލުކޮށް، އެމެރިކާއަށް މަގުފަހިކޮށްދީފައެވެ.
އިނގިރޭސި ކެބިނެޓުން އިއްޔެ ނިންމާފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށެވެ. އެގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެމެރިކާއިން އިނގިރޭސި ބޭސްތައް ބޭނުންކުރުމަށާއި، އެތަންތަން މެދުވެރިކޮށް އީރާނަށް ޙަމަލާދިނުމަށް މިހާރު ވަނީ ރަސްމީކޮށް އެއްބަސްވެފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދީފިނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ރައްދުގައި ޙަމަލާދޭނެކަމުގެ އިންޒާރު ހަނގުރާމަ ފެށުމުގެ ކުރިން އީރާނުން އޮތީ ދީފައެވެ. އަދި ހަނގުރާމަ ފެށުމާއެކު، އަވަށްޓެރި ޤައުމުތަކުގައި ހުރި އެފަދަ ބޭސްތަކަށް އީރާނުން ވަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒުކޮށް، އޭގެ ތެރެއިން ގިނަ ޙަމަލާތަކެއް ކާމިޔާބުވެސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ