ޑޮލަރުގެ މައްސަލަ ހައްލުކުރަން އޮތް ގޮތަކީ 'ފްލޯޓިން ރޭޓް': ނަޝީދު

ޑޮލަރުގެ މައްސަލަ ހައްލުކުރަން އޮތް ގޮތަކީ 'ފްލޯޓިން ރޭޓް': ނަޝީދު

Author
ޙަސަން މުޙައްމަދު
25 ފެބްރުއަރީ 2026 03:08
0

ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، ކަޅު ބާޒާރުގައި އަގު އުފުލިފައިވާ މައްސަލައަށް އޮތް ހައްލަކީ ޑޮލަރުގެ އަގު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި، ބާޒާރުގެ ޑިމާންޑާ އެއްގޮތަށް އަގު ކަނޑައެޅޭނެހެން "ފްލޯޓިން އެކްސްޗޭންޖް" ނިޒާމަކަށް ދޫކޮށްލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ނަޝީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް، ބާޒާރުގެ ތަބީއަތުން އަގު ކަނޑައެޅޭ "ހަމަ އަގަށް" ރުޖޫއަވުން ކަމަށެވެ. އަދި ރަސްމީ ރޭޓް 20 ރުފިޔާއަށް ބަދަލުކުރި ނަމަވެސް، އެ އަގުގައި ބޭންކުތަކުން ޑޮލަރު ނުލިބޭނަމަ ކަޅު ބާޒާރުގެ މުއާމަލާތްތައް ނުހުއްޓުވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައްވާނެ ކަމުގެ ވައުދާ އެކުގައެވެ. އަދި މިދިޔަ މާރިޗު މަހު ޑޮލަރުގެ އަގު 18 ރުފިޔާއަށް ވެއްޓިފައިވާ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް، އޭގެ ފަހުން އަގު އުފުލި މިހާރު ކަޅު ބާޒާރުގައި ޑޮލަރު ހުރީ 20 ރުފިޔާއިން މަތީގައެވެ. މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވީނަމަވެސް، ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭންކުތަކުން ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނާށެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލިފައިވާކަން ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި ވެސް ވަނީ އެމްއެމްއޭގެ ލަފަޔާ ޚިލާފަށް ޑޮލަރުގެ ރޭޓަށް ބަދަލު ގެންނަވާފައެވެ. އެގޮތުން 2008 ގައި 12.85 ރުފިޔާއަށް ހުރި ރޭޓް، ޑޮލަރު ލިބުން ދަތިވުމާއެކު 10.28 ރުފިޔާއާއި 15.42 ރުފިޔާއާ ދެމެދުގެ ބޭންޑަކަށް ބަދަލުކުރެއްވިއެވެ. އެ ފަހަރު ވެސް ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.

ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު، މި އަހަރު އެކަނިވެސް ދަރަނީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާއިރު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ވަނީ "ޖަންކް" ދަރަޖައިގައި ދަމަހައްޓާފައެވެ. ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު މާރުކުރުން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތައް ސަރުކާރުން އަންނަނީ އަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.