ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5 ގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގައި ތިބި އާއިލާތައް، އެ އިމާރާތުގެ މަރާމާތުތައް ނިންމައި ޚިދުމަތްތައް އިއާދަކުރުމާ ގުޅިގެން އަނބުރާ ގެއަށް ބަދަލުވާން ފަށައިފިއެވެ. މި ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން 31 އެޕާޓްމަންޓެއްގައި ދިރިއުޅޭ 148 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ ނަރުދަމާ ނިޒާމަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިންމާފައެވެ. އަދި މަރާމާތުގެ މަސައްކަތްތައް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ވެސް އަލުން ދީފައިވާކަން އެޗްޑީސީން ކަށަވަރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މިކަމާ ގުޅިގެން، ވަގުތީ ހިޔާވަހިކަމުގައި ތިބި ފަރާތްތަކަށް އެންޑީއެމްއޭއިން ފޯރުކޮށްދެމުން އައި އެހީތެރިކަމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. ޒަރޫރީ ޚިދުމަތްތައް އަލުން ލިބެން ފެށުމާއެކު، އެ އާއިލާތައް މިއަދު އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވާނެ ކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ