ބަންގްލަދޭޝްގައި ކުރިއަށް އޮތް އާންމު އިންތިހާބުގައި، އެ ގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރި އަވާމީ ލީގު ބައިވެރިވުން މަނާކުރުމާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ހަސީނާ ވިދާޅުވީ، ސިޔާސީ ބޮޑު ޕާޓީއެއް އެކަހެރިކޮށްގެން ބާއްވާ އިންތިހާބެއްގެ ސަބަބުން ގައުމުގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެ، ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
ވޭތުވެދިޔަ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި ހަސީނާ، އޭނާގެ ސަޕޯޓަރުންނާ އޮންލައިންކޮށް މުހާތަބު ކުރައްވަމުން ވިދާޅުވީ، އަވާމީ ލީގު އިންތިހާބުން ބާކީކޮށްލުމަކީ އެތައް މިލިއަން ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި ވަކި ބަޔަކު ބާކީކޮށްގެން އުފައްދާ ސަރުކާރަކަށް، ބައިބައިވެފައިވާ ގައުމެއް އެއްބައިވަންތަ ނުކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ކުރިމަގުގައި އުފެދިގެންދާނީ ނުތަނަވަސްކަމާއި އިތުރު ހަމަނުޖެހުންތައް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަކީ ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި 127 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ސިޔާސީ އިސްލާހުތަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ ތުހުމަތު ކުރައްވާ ގޮތުގައި، ޑރ. މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުގެ ދަށުން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ އެވެ.
ވަގުތީ ސަރުކާރުގެ ވެރިޔާ އަދި ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ ޑރ. ޔޫނުސް ވިދާޅުވެފައި ވަނީ އިންތިހާބު ވާނީ އިންސާފުވެރި، އަދި ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ފަދަ އިންތިހާބަކަށް ކަމަށެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ދައުވަތު ދީފައިވާ ކަމަށް ވެސް އޭނާގެ އޮފީހުން ހާމަކޮށްފައިވެ އެވެ. އެހެންނަމަވެސް، އަވާމީ ލީގު ނުލައި އިންތިހާބު ބާއްވާތީ އިންސާފާ މެދު ބައެއް ފަރާތްތަކުން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.
ހަސީނާ އިންޑިއާގައި ހުންނަވައިގެން ސިޔާސީ ވާހަކަދައްކަވައި، ބަޔާންތައް ދެއްވާތީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާއިން މިފަދަ ފުރުސަތުތައް ހަސީނާއަށް ދިނުމަކީ ހައިރާންވާ ކަމެކެވެ. ބަންގްލަދޭޝް ސަރުކާރުން ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް އެދިފައިވީ ނަމަވެސް، އިންޑިއާއިން މިހާތަނަށް އެކަމަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.
މި ފަހަރުގެ އިންތިހާބުގައި އެންމެ ވާދަވެރި ފަރާތަކަށް ވާނެ ކަމަށް ބެލެވެނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. އެ ޕާޓީގެ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުން ތާރިގު ރަހުމާން އެވެ. އޭނާ ގައުމަށް އެނބުރި ވަޑައިގެންނެވީ ދާދި ފަހުން އޭނާގެ މަންމަ އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ