ފީފާއިން މުޅިން އަލަށް ތައާރަފްކުރި ހާއްސަ އެވޯޑެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފިއެވެ. "ފީފާ ޕީސް ޕްރައިޒް – ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް" ގެ ނަމުގައި ދޭ މި އެވޯޑަކީ ސުލްހައަށް ވަކިފަރުދަކު ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދޭ ހާއްސަ އެވޯޑެކެވެ.
މި އެވޯޑު ޓްރަމްޕަށް ދީފައިވަނީ އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕަށް ގުރު ނެގުމުގެ ހާއްސަ ހަފްލާގައެވެ. ވޮޝިންޓަންގެ ކެނެޑީ ސެންޓަރުގައި ބޭއްވި މި ހަފްލާގައި ޓްރަމްޕްގެ ކެމްޕޭން ރެލީތަކުގައި ފެނިގެންދިޔަ ވައިއެމްސީއޭ ބޭންޑްވެސް ފެނިގެންދިޔައެވެ. މި ހަފުލާއަށް ޓްރަމްޕަށް ހާއްސަ ކުލަޖެހުމުން، ވޯލްޑްކަޕް ގުރު އިވެންޓްގައި ސިޔާސީކުލަ ޖަހާފައިވާކަން ފާހަގަކޮށް ފީފާއަށް ފާޑުކިޔުންތަކެއް އަމާޒުވަމުން ދެއެވެ.
އެވޯޑު ލިބިގެން ޓްރަމްޕް ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެއްކަމަށާއި، މަޝްވަރާއާއި ޑިޕްލޮމެސީން އެތައް މިލިއަން ފުރާނައެއްގެ ފުރާނަ ސަލާމަތްކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ މަސައްކަތުން ދުނިޔެ މިހާރު ކުރިއަށްވުރެ އަމާންވެފައިވާ ކަމަށާއި، އެމެރިކާއަކީ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއިން އެންއެފްއެލްއަށް ނޫނީ ފުޓްބޯލް ނޫން އެހެން ނަމެއް ހޯދަން ޖެހޭނެކަމަށާއި، ސޮކާއަކީ އަސްލު ފުޓްބޯލްކަމަށެވެ.
ކޮމެންޓު ފޮނުވާ