ހަސީނާ ހަވާލުކުރުމުގެ މައްސަލަ އިންޑިއާއިން ބަލަނީ

ހަސީނާ ހަވާލުކުރުމުގެ މައްސަލަ އިންޑިއާއިން ބަލަނީ

Author
ހުސައިން
27 ނޮވެމްބަރ 2025 01:27
0

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެގައުމާ ހަވާލުކުރުމަށް ކުރި އެދުން އިންޑިއާއިން ބަލަމުންދަނީ އެ ގައުމުގެ އެތެރޭގެ ޝަރުއީ އަދި ގާނޫނީ މަރުހަލާތަކުގެ ތެރެއިން ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ދަރިވަރުންގެ މުޒާހަރާގެ ބައިވެރިން މަރާލުމުގައި ހަސީނާގެ ދައުރު އޮތް ކަމަށް ބުނެ މަރުގެ ހުކުމް އިއްވުމާ ގުޅިގެން ބަންގްލަދޭޝްއިން މި މަހު ވަނީ ހަސީނާ އެގައުމާ ހަވާލުކުރުމަށް އިންޑިއާގައި އެދިފައެވެ. ހަސީނާ އޭނާގެ ގައުމު ދޫކޮށް އިންޑިއާއަށް ފިލައިގެން ދިޔައީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތައް އެންމެ ހޫނުގަދަވި ދުވަސްވަރުގައެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ކުށްވެރިން ދޫކުރުމުގެ މުއާހަދާގައިވާ ގޮތުގެ މަތިން އިންޑިއާއިން އަމަލުކުރަން ޖެހޭ ކަމަށެވެ. އެ ބަޔާނާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ބަންގްލަދޭޝް ރައްޔިތުންގެ މަސްލަހަތަށް ވިސްނާނެ ކަމަށެވެ. އެކަމަކު ހަސީނާ ބަންގްލަދޭޝްއާ ހަވާލުކުރާނެ ކަމެއް އިންޑިއާއިން ބުނެފައެއް ނުވެއެވެ. މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވި މައްސަލަ ބަލާފައިވާ ޓްރައިބިއުނަލުން ހަސީނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެފައިވާއިރު އޭނާއާއެކު ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒާމާން ޚާން ކަމާލްގެ މައްޗަށް ވެސް މަރުގެ ހުކުމް އިއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.