ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައެއް ނުވާ ކަމަށާއި އޭގެ ސަބަބުން ކުންފުންނަށް ޑޮލަރޔ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަތީން މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީން ޑޮލަރު އާމްދަނީ ހޯދުމުގެ ގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ފަށާފައިވާ ކަމަށް އަލި އަޅުއްވާލައްވަމުންނެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ، ކުންފުނީގެ އަހަރީ އޮޕަރޭޝަނަށް 25 މިލިއަން ޑޮލަރު ބޭނުންވާއިރު، ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އައު ސްޓްރެޓެޖީއެއް ތަންފީޒުކުރަމުންދާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފާއިތުވި 30 އަހަރު ދުވަހު ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވާތީ ކުންފުންޏަށް ވަނީ އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މަތީން ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމުތައް ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، މި ހުނަރުތައް ޓޫރިޒަމް ޕްރޮޖެކްޓުތަކުގައި ބޭނުންކޮށްގެން ޑޮލަރުން އާމްދަނީ ހޯދުމަކީ ވަރަށް މުހިންމު އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދިދާނެ ގޮތެއް ކަމުގައެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކުން ޚިދުމަތުގެ ފީ ޑޮލަރުން ދައްކާނެ ގޮތަށް އެގްރީމަންޓް ހެދުމެވެ. އަދި މާލެ އާއި މާފުށީގެ ފެސިލިޓީތަކާއެކު މި މަސައްކަތް ފަށާފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. އޭގެ އިތުރުން ހދ. ނާގޯށީގައި އެމްޓީޑީސީން ތަރައްގީކުރާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުމަށް މަޝްވަރާކުރަމުންދާ ކަމަށްވެސް މަތީން ހާމަކުރެއްވިއެވެ.
މަތީ އިތުރަށް ވިދާޅުވީ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުގެވެސް މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލަކާއި ހަމައަށް ދިއުން ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.
ކޮމެންޓު ފޮނުވާ