މީޑިއާ ކޮމިޝަން ބިލު އޮތީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް: ނާޒިމް

މީޑިއާ ކޮމިޝަން ބިލު އޮތީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް: ނާޒިމް

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2025 11:09
0

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތައް އެއް މުއައްސަސާއަކުން ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ހާމަކުރެއްވީ، މި ބިލަކީ ކުރިން މަޖިލީހަށް ހުށަހެޅި، ފަހުން އަނބުރާ ގެންދިޔަ ބިލެއް ކަމަށާއި، އެ ބިލާ ގުޅޭ ދިރާސާތަކުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އަލަށް ހުށަހެޅި ބިލުގައި ފިންލެންޑާއި ސްވިޑަންގެ އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ޚިދުމަތްތަކާ ގުޅޭ ގާނޫނުތަކުގެ އިތުރުން، އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024ގެ މުހިންމު މާއްދާތައް ޝާމިލުވެއެވެ. ހަމައެއާއެކު، ޔޫރަޕިއަން ޔޫނިއަންގެ އެންމެހައި ޑައިރެކްޓިވްތަކާއި، އައިލެންޑްގެ އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އެކްޓް 2022، އަދި ސިންގަޕޫރުގެ އޮންލައިން ދޮގު މައުލޫމާތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ބެހޭ ގާނޫނުގެ އަސާސީ އުސޫލުތައް މި ބިލުގައި ރިއާޔަތްކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާ ކޮމިޝަންގެ ބިލާ ގުޅިގެން މީޑިއާތަކުން ގެނެސްދޭ ބައެއް މައުލޫމާތަކީ ޙަޤީޤަތާ ޚިލާފު މައުލޫމާތު ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އުފެދުމަށް ހުށަހަޅާފައިވާ ކޮމިޝަންގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ތިން ބޭފުޅުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ބާކީ ހަތަރު މެންބަރުން އައްޔަންކުރާނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މީޑިއާތަކުންނެވެ.

އެހެންކަމުން، ކޮމިޝަންގެ ރިޔާސަތު ކޮންމެ ފަރާތަކަށް ލިބުނަސް، އަޣުލަބިއްޔަތު ލިބޭނީ މީޑިއާގެ ފަރާތުން އައްޔަންކުރާ މެންބަރުންނަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. މިއީ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.