ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ދެވޭ އަދަބު ގަދަކޮށް، ޖަލަށް ލެވޭ ގޮތަށް ހެދުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާއިރު، މި އިސްލާހާ ގުޅިގެން މަޖިލީހުގައި ބަހުސް ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ، މިވަގުތު ފެންނަމުންދަނީ ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން އާއިލާގެ މެންބަރުންނަށް ފޯރުކޮށްދޭ މަންޒަރު ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ޓެކުހަށް ނުދައްކާ ހުރި ޖޫރިމަނާއާއި ރަށްރަށުގެ ކުއްޔަށް ނުދައްކާ ހުރި ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ މައާފުކޮށްދީފައިވެއެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުގައި ވެސް ރިސޯޓުތަކަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ހުރި ކުންފުނިތަކުގެ ޖޫރިމަނާ މައާފުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަންކަން ކުރީ އިގުތިސާދު ކުރިއެރުވުމަށް ކަމަށް ބުނި ނަމަވެސް، ދެފުށް ފެންނަ އުސޫލަކުން ނޫން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަދު ބޭފުޅުންކޮޅެއް، އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ގޮތަށް މައާފު ދިނުމާއި ލަސްކޮށްދިނުން ފަދަ ކަންތައްތައް ކޮށްދީފައިވޭ،" ނާޒިމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި އިސްލާހުގައި ހިމެނޭ ބަދަލުތަކުގެ ތެރޭގައި، ޓެކުހުގެ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފި ނަމަ ނުވަތަ މައުލޫމާތު އުނިކޮށްފި ނަމަ، އެކަން ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭނެއެވެ.
މިހާރުގެ ގާނޫނުގައި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ދެވޭ އަދަބަކީ އެއް މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. އިސްލާހު ފާސްވެއްޖެނަމަ، މި އަދަބު ބަދަލުވެ 250،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، ގޭ ބަންދުގެ ބަދަލުގައި އެއް މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.
އަދި ޓެކްސް ދައްކަން ޖެހޭ ދުވަހަށް ނުދައްކައިފި ނަމަ، މިހާރު ކޮންމެ ދުވަހަކަށް ދައްކަން ޖެހޭ އަދަދުގެ 0.05 ޕަސެންޓުން ޖޫރިމަނާ ކުރާއިރު، އިސްލާހުވެއްޖެ ނަމަ މި އަދަދު 0.1 ޕަސެންޓަށް އިތުރުވާނެއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތާއި، ޓެކްސް ދައްކަން ޖެހޭ ގޮތާއި، ހިމަނަން ޖެހޭ މައުލޫމާތު ސާފުވެ، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ