ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން 23 މީހުންނާއި ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން 2 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ހުލުމާލޭ ފިޔަވަތިން ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ 11 ކުދިންނާއި، 11 ކެއަރ ވޯކަރުންގެ އިތުރުން އެތަނުގެ ސީނިއަރ މުވައްޒަފެއްކަމަށެވެ.
މީގެ އިތުރުން ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން މިދިޔަ ބުރާސްފަތިދުވަހު ކޯވިޑްގެ އާލާމަތް ހުރެގެން ދެކުއްޖެއްގެ ސާމްޕަލް ނެގިކަމަށާއި، އެދެކުދިންވެސް ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑޮކްޓަރ ވިދަޅުވީ ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި 2 ކުދިންނާއި ކޮންޓެކްޓުންގެ ގޮތުގައި 89 މީހަކު ދެނެގަނެވި އޭގެތެރެިން 4 ކުއްޖަކު އަލާމަތްތައް ހުރެގެން މިދިޔަ ބުރާސްފަތިދުވަހު ޓެސްޓުކުރިކަމަށެވެ. ނަމަވެސް އެ ހަތަރު ކުދިންވެސް ނެގެޓިވްކަމަށާއި، އިތުރު 86 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށް ނަގާފައިވާކަމަށެއެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން އެންމެ ފުރަތަމަ 8 ކުއްޖަކު ޕޮޒިޓިވްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ހުޅުމާލެ ފިޔަވަތީގައި ކުދިން ބަލަހައްޓާ މީހެއްގެ ކިބައިން ކޯވިޑް-19ގެ އަލާމަތްތަކެއް ފެނިގެން މިދިޔަމަހުގެ 30 ވަނަ ދުވަހު ސާމްޕަލްނަގައި ޓެސްޓު ކުރި އިރު އެމީހާ މިމަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރ ވަނީ ވިދާލުވެފައެވެ. ފިޔަވަތިން މިހާތަނަށް ޕޮޒިޓިވްވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ