ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ބައްދަލުވުމަށް ލަންޑަންއަށް ވަޑައިގެންވި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ބައްދަލުވުމަށް ލަންޑަންއަށް ވަޑައިގެންވި

Author
ހުސައިން
11 މެއި 2025 09:48
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް، ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގައި އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ގޮތުން ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން އޮންނާނީ މި މަހުގެ 12 އިން 13 އަށް ލަންޑަންގައެވެ.

މިފަހަރުގެ ބައްދަލުވުން ބާއްވަނީ ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު މި އަހަރުތެރޭގައި ބަދަލުވާތީ، އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް މަޝްވަރާކުރުމަށެވެ. މިހާތަނަށް ސީޕީއޭ ހިންގަމުން ގޮސްފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުގައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، މި އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޝާހީ ރުހުންދެއްވި ޤާނޫނަކުން، ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު ބައިނަލްއަޤްވާމީ ޖަމާޢަތަކަށް ބަދަލުކޮށްފައިވެއެވެ.

އަދި މި ހައިސިއްޔަތުން ޤާނޫނީ ބާރު ލިބިދޭ އިތުރު ޤާނޫނެއް މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. މި ޤާނޫނު ފާސްކުރެއްވުމުން ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ.ގެ ޢާންމު މަޖިލިސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޙަރަކާތުގެ ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.