މިފްކޯއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިލިއަނެއްހާ ރުފިޔާގެ މަޝްރޫޢަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާއިރު، މަގާމުގެ ޝަރުޠުތަކުގެ ތެރޭގައި ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އައިއެސްޑީބީގެ ގައިޑްލައިންތަކާއި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން ވެސް ހިމަނާފައިވެއެވެ.
70.42 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ، އޮޕަރޭޝަންސް އަދި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ފުޅާ ދާއިރާއެއްގައި އަޕްގްރޭޑް ކުރުމެވެ.
މި މަޝްރޫޢުގެ ދަށުން ހއ. އިހަވަންދޫގައި 1,000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ ސްޓޯރޭޖެއް ޤާއިމުކުރެވޭނެއެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ ސްޓޯރޭޖެއް ތަރައްޤީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ކަނޑުއޮށްގިރީގެ ޕަވަރ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިންގ ޔުނިޓެއް ނުވަތަ ކޭނަރީ ފެސިލިޓީއެއް ވެސް އެޅުމަށް ރޭވިފައިވެއެވެ. ނަމަވެސް، މިފްކޯއިން ކަނޑުއޮށްގިރި މިހާރު ދޫކޮށްލާފައިވުމާއެކު، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަޝްވަރާކޮށްފައިވަނީ ހުޅުމާލޭގައި ކަމަށް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ