އިކޮނޮމިކް މިނިސްޓްރީން ރަމަޟާން މަހާ ދިމާކޮށް އަސާސީ ކާބޯތަކެތީގެ އަގުތައް މޮނިޓަރކޮށް، ކޮންޓްރޯލްކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މިގޮތުން ތިން ބައެއްގެ މައްޗަށް އެކުލެވޭ 141 މުދަލެއް ވަނީ އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅައިފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މުދާތަކުގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 މުދަލަކާއި، 38 ބާވަތެއްގެ މޭވާ އަދި ތަރުކާރީގެ އިތުރުން 10 ބާވަތެއްގެ ކަނޑުމަހުގެ ބާވަތްތަކެވެ. މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތަކުގެ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުގެ އަގުތައް މޮނިޓަރކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މި މުދާތަކުގެ އަގު އިތުރުވެއްޖެނަމަ "އަސާސީ ބާވަތްތައް ކަނޑައެޅުމާއި އަގު މޮނިޓާކުރުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި މުދާތަކުގެ އަގުތައް ސްޓެބިލައިޒްކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި މިހާރު ބާޒާރުގައި ހުރި މުދަލާއި އަގުތައް ދެނެގަނެ، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެ ތަކެތީގެ ސަޕްލައި މެދުނުކެނޑި ލިބެން ހުންނާނެ ގޮތް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި ރޯދަމަހު އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތި ދެނެގަނެ، އެސްޓީއޯއާ ގުޅިގެން އެ ތަކެތި މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން ކަށަވަރުކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ