މި އަހަރު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކުރި ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) އަންނަ އަހަރު ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަ އަހަރަށް ކަލަންޑަރު އެކުލަވާލިއިރު ސާފް ސުޒުކީ ކަޕް ބާއްވަން ކަނޑައެޅީ ސެޕްޓެމްބަރު 14-25 އަށެވެ. މި ތާރީހާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ސާފްގެ ބައްދަލުވުމުގައި ނެގުނު ވޯޓުން ވަނީ ތާއީދު ލިބިފައެވެ. ކޮވިޑް-19 ގެ ހާލަތުން އޭރު އަރައިގަނެވޭނެ ކަމުގެ އުއްމީދުގައި މުބާރާތް އެ ތާރީހުގައި ބާއްވަން ނިންމީއެވެ.
ބަންގްލަދޭޝްގައި މި އަހަރު ސެޕްޓެމްބަރު 19-30 އަށް ސާފް ސުޒުކީ ކަޕް ބާއްވަން ޝެޑިއުލްކުރި މުބާރާތް ފަސްކުރީ ކޮވިޑުގެ ސަބަބުންނެވެ. އެންމެ ފަހުން ސާފް ސުޒުކީ ކަޕް ބޭއްވީ ވެސް ބަންގްލަދޭޝްގައެވެ. ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެއެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރުއެވެ. ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގައެވެ.
ރާއްޖެ އަށް އެންމެ ފަހުން އޮތް ސާފް ސުޒުކީ ކަޕްގައި ކޯޗުކޮށްދީ މި މުބާރާތް ކާމިޔާބުކޮށްދިނީ 2015 ވަނަ އަހަރުގެ ފައިނަލުގައި އަފްގާނިސްތާން ގޮވައިގެން ވާދަކުރި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓްއެވެ. މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ދަށް ނަތީޖާ ތަކަށް ފަހު ސެގާޓް ވަނީ ވަކިކޮށްފައެވެ. ގައުމީ ޓީމަށް ހަމަޖެއްސި އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ގައުމީ ޓީމާ ހަވާލުވެ މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތަކެއް ކުރިއަށް ގެންދިޔަ އެވެ. ކޫޕްމަންގެ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ މާޗު މަހުގައި އޮންނަ ވޯލްޑްކަޕް ކޮލިފައިން މެޗެވެ.
ކޮމެންޓު ފޮނުވާ