ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރު ދުވަހަށް ސަސްޕެންޑްކޮށް، 1.23 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ފީފާއިން ނިންމައިފި އެވެ.
ފީފާއިން ބުނީ މި ފިޔަވަޅު އެޅީ ކޮވިޑް-19 ރިލީފް ފަންޑުގެ ގޮތުގައި އެ އިދާރާއިން ދޫކުރި ފައިސާ ބައްސާމް އަމިއްލަ ފައިދާއަށް ބޭނުންކުރި މައްސަލައިގައި ކަމަށެވެ. ފީފާގެ ބަޔާނުގައިވާ ގޮތުން، ރިލީފް ފަންޑުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްގެން އެޕާޓްމަންޓެއް ގަތް ކަން ސާބިތުވެފައިވެ އެވެ. ހަމަ މި މައްސަލައިގައި ދިވެހި ކޯޓަކުން ވަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވާފަ އެވެ.
މީގެއިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް 10 އަހަރަށް ސަސްޕެންޑްކޮށް 122،000 ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ފީފާއިން ވަނީ ނިންމައިފަ އެވެ. އޭނާގެ މައްޗަށް މި ފިޔަވަޅު އެޅީ ޚިޔާނާތުގައި އެހީތެރިވުމާއި، ސައްހަނޫން ލިޔެކިޔުން ބޭނުންކުރުމާއި، ފީފާގެ އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިން މައްސަލައިގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
ބައްސާމް މިހާރު ހުންނެވީ ޖަލު ހުކުމް ތަންފީޒުކުރެއްވުމުގައި ކަމަށާއި، ސިއްހީ ހާލަތު ހުރި ގޮތުން ދޭތެރެއަކުން ގޭ ބަންދަށް ބަދަލުކުރާ ކަމަށާއި، މި ވަގުތުވެސް ހުންނެވީ ގޭ ބަންދުގައި ކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓު ފޮނުވާ