ފާއިތުވި ހަފްތާގައި އެކަނިވެސް މަކަރާއި ހީލަތުގެ އަމަލުތަކުން 358،231ރ. ފޭރިގަނެފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފި އެވެ.
އެ ސެންޓަރުން ބުނި ގޮތުގައި މި މަހުގެ 13 އިން 19 ގެ ނިޔަލަށް ސްކޭމްގެ 38 މައްސަލައެއް ރިޕޯޓުކުރި އިރު، ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން 151،263ރ. ވަނީ އަނބުރާ ހޯދިފަ އެވެ. ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށާއި، އެފަދަ 15 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ސެންޓަރުން ބުންޏެވެ. މީގެ އިތުރުން، ފައިސާ މާރުކުރުމުގެ ނަމުގައި 10 މައްސަލައަކާއި، ބުކިން ރިފަންޑް ސްކޭމްގެ ހަތަރު މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ އެއް މައްސަލައިގެ އިތުރުން އެހެނިހެން ހަ މައްސަލައެއް ވެސް ހިމެނެ އެވެ.
މަކަރުވެރިން އެންމެ ބޮޑަށް ބޭނުންކުރި ވަސީލަތްތަކުގެ ތެރޭގައި ފޯނުކޯލާއި، އައިބޭ އާއި، އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި، ފޭސްބުކް މާކެޓްޕްލޭސް ހިމެނޭ ކަމަށް ސެންޓަރުން ފާހަގަކުރި އެވެ.
އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރީ ފައިސާ ދިނުމުގެ ކުރިން ރަނގަޅަށް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ޓޫ-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުމަށެވެ.
ކޮމެންޓު ފޮނުވާ