ދުވަސްނުފުރާ ވިހާ ކުދިންނާއި އުފަންވާއިރު ސިއްހީ މައްސަލަތައް ހުންނަ ތުއްތު ކުދިންނަށް ޚާއްސަ ނިއޯނޭޓަލް ފަރުވާގެ ޚިދުމަތް ކުރިއަށްގެންދިޔުމަށްޓަކައި، އެ ދާއިރާއަށް ޚާއްސަ މީހުން ބިނާކޮށް ޒަމާނީ ވަސީލަތްތައް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ފާހަގަކުރައްވައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އިސްނެގުމުގެ މަތިން މިއަދު ފެށި "ނިއޯކެއާ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ރާއްޖޭގައި މި ޚިދުމަތް ފެށިގެން އައި އިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އަދި ކޮންމެ ތަނަކަށް އުފަންވާ ކުއްޖަކަށް ވެސް ބޭނުންވާ ފުރިހަމަ ސިއްހީ ޚިދުމަތާއި ރައްކާތެރިކަން ލިބެންޖެހޭ ކަމަށާއި، އެ ޚިދުމަތް ފޯރުކޮށްދެވޭނީ ޚާއްސަ ފެސިލިޓީއާއި އިކުއިޕްމަންޓު އަދި ތަމްރީނު ލިބިފައިވާ ސިއްހީ ޚިދުމަތްތެރީން ތިބެގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ހަމައެކަނި ޓެކްނޮލޮޖީއިން ފުރާނައެއް ސަލާމަތް ނުކުރެވޭނެ. މެޝިނަކުން ހިތުގެ ވިންދު މޮނިޓާ ކުރެވޭ ނަމަވެސް ހިތުގެ ތެޅުން އަހަރެމެންނަށް ކިޔައިދޭ އެއްޗެއް އެނގުމަށް ތަމްރީނު ލިބިފައިވާ މީހުން ބޭނުންވާނެ،" ސާޖިދާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މި ކޮންފަރެންސްގެ ސަބަބުން ހޮސްޕިޓަލުތަކުގެ ގުޅުން ބަދަހިވެ، ނިއޯކެއާއަށް ހޭލުންތެރި ބަޔަކު މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދު މިފަދަ ކޮންފަރެންސްތަކުން ސިއްހީ އެހީތެރީންނަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ދެ ވަނަ ފަހަރަށް ބާއްވާ މި ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިރު، 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ.
ކޮމެންޓު ފޮނުވާ