ގައްދޫން ގަވާއިދާ ހިލާފަށް ލައިސެންސް ދޫކުރި މައްސަލައެއްގައި ހިދުމަތް މެދުކަނޑާލައިފި

ގައްދޫން ގަވާއިދާ ހިލާފަށް ލައިސެންސް ދޫކުރި މައްސަލައެއްގައި ހިދުމަތް މެދުކަނޑާލައިފި

Author
އަހުމަދު
21 ސެޕްޓެމްބަރ 2026 09:08
0

ގދ. ގައްދޫން ގަވާއިދާ ހިލާފަށް ގިނަ ބަޔަކަށް ލައިސެންސް ދޫކުރި މައްސަލައެއް ފެންމަތިވެ، އެ ކައުންސިލުން ލައިސެންސް ދޫކުރުމުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ޒިންމާދާރު ބައެއްގެ އިހުމާލާއި، މާލީ ފައިދާ ހޯދުމަށް ހިންގާފައިވާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކުގެ ސަބަބުން، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ފެށި މި ހިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށެވެ. މި މަހުގެ 6 ވަނަ ދުވަހު ކައުންސިލްގެ ރައީސަށް ލިބުނު އިތުބާރުހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބެލިބެލުމުން، ލައިސެންސަށް އެދުނު މީހަކު މާލޭގައި ހުރެ 30 އޮގަސްޓުގައި އެޕްލައި ކުރުމުން، ޖެހިގެން އައި ދުވަހު ގައްދޫ ކައުންސިލުން ލައިސެންސް އިޝޫކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށާއި، މިއީ ހަތަރު ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއެކު ހިންގާފައިވާ ޖަރީމާއެއް ކަމަށްވެސް ބުނެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ކަމާ ގުޅޭ މިނިސްޓްރީގެ އިސް ދެ ބޭފުޅުން ގައްދޫއަށް ވަޑައިގެން މޮނިޓަރ ކުރިއިރު، ގަވާއިދާ ހިލާފު ގިނަ ކަންކަން ފާހަގަކުރެވިފައިވެ އެވެ. އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫން 1600 އަށްވުރެ ގިނަ ލައިސެންސް، ނުވަތަ މަހަކު ގާތްގަނޑަކަށް 133 ލައިސެންސް ދޫކޮށްފައިވާއިރު، މިއީ މާލޭ ސަރަހައްދުން ދޫކުރި އަދަދާ ދާދި އެއްވަރު އަދަދެކެވެ. ނަމަވެސް އެގްޒަމިނަރުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހަފުތާއަކު ދެތިން މީހުން ވެސް ޕްރެކްޓިކަލް ހަދާފައި ނުވެ އެވެ.

ކައުންސިލުން ބުނީ އެއްގަމާއި ކަނޑު ލައިސެންސްގެ ހިދުމަތް އަލުން ފެށުމަށް ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، ފަސް ވަނަ ދައުރުގައި މިފަދަ ޖަރީމާތަކާއި ވައްކަމާއި ހިޔާނާތް ނުހިނގާނެ ގޮތަށް އިދާރާގެ ކަންކަން އިންތިޒާމުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.