ދިވެހި ޚާރިޖީ ސިޔާސަތުގެ ބިންގަލަކީ އަދިވެސް އދ.: އިރުތިޝާމް

ދިވެހި ޚާރިޖީ ސިޔާސަތުގެ ބިންގަލަކީ އަދިވެސް އދ.: އިރުތިޝާމް

Author
އަހުމަދު
21 ސެޕްޓެމްބަރ 2026 09:09
0

 

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ހޯމަ ދުވަހު ވިދާޅުވީ، އދ. އަކީ އަދިވެސް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބިންގާ ކަމަށާއި، ދިވެހިރާއްޖެއިން ދެމިއޮންނާނީ އދ. ގައި ބިނާކުރަނިވި އަދި އުޞޫލީ އަޑެއްގެ ގޮތުގައި ކަމަށެވެ. އަދި ޤައުމުގެ ބޮޑުކުޑަމިނަށް ބެލުމެއް ނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އިންޞާފުގެ މައްޗަށް ޤާއިމުވެފައިވާ ދުނިޔޭގެ ނިޒާމަކަށް ދިވެހިރާއްޖެއިން ވަކާލާތުކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އދ. ގެ މެންބަރު ޤައުމަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ވަޒީރު ވިދާޅުވީ، 1965 ވަނަ އަހަރުގެ ސެޕްޓެންބަރު 21 ގައި ދިވެހިރާއްޖެ އެ ޖަމުޢިއްޔާއާ ގުޅުނު ފަހުން، އދ. އަކީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުލައި، ޤައުމުގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގައި މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކާ (SIDS) ބެހޭ ބައިނަލްއަޤުވާމީ އެޖެންޑާ ބައްޓަންކުރުމުގައި ދިވެހިރާއްޖެ އަދާކުރި މުހިންމު ދައުރާއި، ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިޙާދު (AOSIS) ފަދަ ޖަމާޢަތްތައް އުފެއްދުމުގައި ދިވެހިރާއްޖެ ދެއްކި ލީޑަރޝިޕަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މިސްރާބު ކަނޑައެޅުމުގައި އެ ޤައުމުތަކުން އިސްނަގަން ޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ދައުރަކަށް ވާން ޖެހޭނީ، އެ ޤައުމުތަކުން ނިންމާ ނިންމުންތަކަށް އިޙްތިރާމުކޮށް، އެއަށް އެއްބާރުލުން ދިނުން ކަމަށެވެ. މި ތަޞައްވުރު ކުރިއެރުވުމަށްޓަކައި، ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަ Antigua and Barbuda Agenda (ABAS) ފުރިހަމަ ގޮތުގައި ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ބަދަލުތަކާ ގުޅޭ ފައިސާ (ކްލައިމެޓް ފައިނޭންސް) އަށް ފަސޭހައިން ވާސިލުވެވޭނެ ނިޒާމުތައް ޤާއިމުކުރުމަށާއި، ގެއްލުމާއި ހަލާކުގެ ފަންޑު (Loss and Damage Fund) ޢަމަލީ ގޮތުން ހިންގަން ފެއްޓުމަށް ވެސް ވަޒީރު ގޮވާލެއްވިއެވެ. އަދި "މޯލްޑިވްސް ފަރސްޓް" ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރައްވަމުން، ހަމަހަމަކަމުގެ އަސާސުގެ މަތިންނާއި، އދ. ގެ ޗާޓަރުގެ މައިގަނޑު އުޞޫލުތަކުގެ މައްޗަށް ބިނާކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢާ އޮންނަ ގުޅުން ސަރުކާރުން ވަރުގަދަކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ވަޒީރު ވަނީ ފާއިތުވި 61 އަހަރު ދުވަހުގެ ތެރޭގައި އދ. އާއި އެހެނިހެން ބައިނަލްއަޤުވާމީ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.