އދ.ގައި ރާއްޖޭގެ ދައުރު ބަދަލުވެއްޖެ: "މިއަދު ތިބީ ޖަމުޢިއްޔާ ބައްޓަންކުރާ ސަފުގައި"

އދ.ގައި ރާއްޖޭގެ ދައުރު ބަދަލުވެއްޖެ: "މިއަދު ތިބީ ޖަމުޢިއްޔާ ބައްޓަންކުރާ ސަފުގައި"

Author
އަހުމަދު
21 ސެޕްޓެމްބަރ 2026 09:24
0

ދިވެހިރާއްޖެ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) ގެ މެންބަރަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚާއްޞަ މެސެޖެއްގައި، 1965 ވަނަ އަހަރު ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބަލައިގަތުން ހޯދުމަށް ކަމަށްވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމުޢިއްޔާ ބައްޓަންކުރުމުގައި އެންމެ އިސް ސަފުގައި ކަމަށް ވިދާޅުވެއްޖެއެވެ.

21 ސެޕްޓެމްބަރު 1965 ގައި ރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުއިރު، މިހާތަނަށް ހޭދަކުރެވުނު ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތްތަކުގައި އެ ޖަމުޢިއްޔާއިން ދެއްވި އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ ޤައުމީ އަމާޒަށް ވާސިލްވުމުގައި، މި ބައިވެރިވުމުގެ ދައުރު ބޮޑުވާނެ ކަމުގައި ވިދާޅުވިއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމަށާއި، ދަރަނީގެ ދެމެހެއްޓެނިވި ޙައްލުތައް ހޯދައި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ދައުރު ފުޅާވަމުން އަންނަކަން ފާހަގަކުރައްވަމުން، ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއިން މީގެ ކުރިން އަދާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން މިހާރު އަދާކުރަމުންދާއިރު، އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވަމުން، ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޑިޕްލޮމެސީއާއި، މަޝްވަރާއާއި، ގިނަ ފަރާތްތައް އެކުލެވޭ ބައިނަލްއަޤްވާމީ ނިޒާމެއްގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގައި އެއްވެސް މީހަކު ބާކީނުވާނެ ފަދަ ވިލުންތެރި މުސްތަޤްބަލެއް ބިނާކުރުމުގައި، ބޮޑެތި ޒިންމާތައް އުފުލުމަށް ދިވެހިރާއްޖެ ފުރިހަމައަށް ތައްޔާރު ކަމުގައި މެސެޖު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.