އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ 20 ވަނަ އޭޝިއަން ގޭމްސް، ޖަޕާނުގެ އައިޗީ ނަގޯޔާގައި ހުންނަ މިޒުހޯ ޕާކް އެތުލެޓިކްސް ސްޓޭޑިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ފަށައިފިއެވެ.
ޖަޕާނުގެ ޘަޤާފަތާއި ޒަމާނީ ޓެކްނޮލޮޖީ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ހިތްގައިމު ހުށަހެޅުންތަކާއި ބަޑިބޭހުގެ ކުޅިވަރުތަކުން ފުރިގެންވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ގޭމްސް ފައްޓަވައިދެއްވީ ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯއެވެ. މީގެ އިތުރުން، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ޝައިޚް ޖޮއާން ބިން ޙަމަދު އަލް ޘާނީ އާއި އައިއޯސީގެ ރައީސް ކިރްސްޓީ ކޮވެންޓްރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ޘަޤާފީ ހެދުމުގައި ދިވެހި އެތުލީޓުން ޤައުމީ ޓީމުގެ މާރޗް ޕާސްޓް ފުރިހަމަކުރި އިރު، ދިވެހި ޤައުމީ ދިދަ އުފުއްލެވީ ޓޭބަލް ޓެނިހުގެ ތަރި މޫސާ މުންޞިފް އަޙްމަދު އާއި ޝޫޓިންގގެ ތަރި މަރިޔަމް އީޝަލް މިޞްބާޙެވެ.
މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޝޫޓިންގ، ބެޑްމިންޓަން، ސްވިމިންގ، ބީޗް ވޮލީ އަދި ސާފިންގއެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ދިވެހި އެތުލީޓުން ބީޗް ވޮލީ، ޓީޓީ، ޝޫޓިންގ އަދި ސްވިމިންގގައި ވާދަކުރާނެއެވެ.
ކޮމެންޓު ފޮނުވާ