ސްޕޭނުގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ ކްލަބް އެލްޑެންސޭގެ މެޖޯރިޓީ ހިއްސާ ގަތުމަށް، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބުގެ ވެރިންނާއެކު ފުރަތަމަ މަރުހަލާގެ އެއްބަސްވުމަކަށް އައިސްފައިވާކަން އެ ކްލަބުން ބުދަ ދުވަހު ކަށަވަރުކޮށްދީފިއެވެ.
އަށް ފަހަރު ބެލޮންޑޯ ހޯދާފައިވާ މެސީ ގަންނަން ހަމަޖެހިފައިވަނީ "ގްރޫޕޯ ޓީއެޗް ސޮލޫސިއޯނެސް" އިން މިހާރު އެ ކްލަބުގައި ދަމަހައްޓަމުން އަންނަ ހިއްސާތަކެވެ. ނަމަވެސް، މުއާމަލާތުގެ މާލީ ތަފްސީލާއި އެއްބަސްވުން އެއްކޮށް ނިމޭނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. މުއާމަލާތް އެއްކޮށް ނިންމާލެވޭނީ ގާނޫނީ އަދި އެއްބަސްވުމުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައެވެ.
އަލިކަންޓޭ ކައިރީގައި ގާއިމުވެފައިވާ އެލްޑެންސޭއަކީ މެސީ އިންވެސްޓްކުރާ ސްޕޭނުގެ ދެވަނަ ކްލަބެވެ. މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ ސްޕޭނުގެ ފަސްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫއީ ކޮރްނެޔާގެ މިލްކުވެރިކަންވެސް ހޯދާފައެވެ. ޚާއްޞަކޮށް ފާހަގަކޮށްލަން ޖެހެނީ، 1921 ވަނަ އަހަރު ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕަކުން އުފެއްދި އެލްޑެންސޭގެ ކުލައަކީވެސް، މެސީ ޒަމާންތަކެއް ހޭދަކުރި ބާސެލޯނާ ފަދައިން، ނޫ އަދި ރަތްކުލައެވެ.
މެސީ މި ކްލަބުގެ ހިއްސާ ގަންނަން ނިންމިއިރު، މި ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު މެޗުން އެންމެ ދެ ޕޮއިންޓް ލިބުމާ ގުޅިގެން އެ ކްލަބުގެ ކޯޗު ކްލޯޑިއޯ ބާރަގާން ވަނީ އާދީއްތަ ދުވަހު މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން، އުމުރުން 39 އަހަރުގެ މެސީ ވަނީ މި ހަފުތާގައި އިއުލާންކުރި ބެލޮންޑޯ އެވޯޑުގެ ޝޯޓްލިސްޓުގައިވެސް ހިމެނިފައެވެ.
ކޮމެންޓު ފޮނުވާ