ދިވެހި އުފެއްދުންތެރިންގެ 4،404 އުފެއްދުމެއް ދައްކާލާ، ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ބޮޑު މައުރަޒު، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″، މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށޭނެއެވެ.
ނޮވެންބަރު 2 ވަނަ ދުވަހާ ހަމައަށް 9 ދުވަހު ހުޅުވާލެވިފައިވާ މި މައުރަޒަށް 780 ފަރާތެއް ރަޖިސްޓްރީވިއިރު، 419 ފަރާތެއްގެ އުފެއްދުންތައް ހިމެނެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %83.5 ގެ އިތުރުވުމެކެވެ. ޖުމްލަ އުފެއްދުންތަކުގެ ހަތަރުބައިކުޅަ ތިންބައި އަތުވެދާނީ އަމިއްލަ ފަރުދުންގެ ފަރާތުންނެވެ. މީގެ އިތުރުން ވިޔަފާރިތަކާއި ކުންފުނިތަކާއި ތައުލީމީ މަރުކަޒުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.
16 ދާއިރާއެއްގެ 73 ގިންތިއަކުން އުފެއްދުން ހިމެނޭ މި މައުރަޒުގައި އެންމެ ގިނައީ 1،695 އުފެއްދުމާއެކު ދިވެހި އަތްތެރި މަސައްކަތެވެ. ދެވަނައަށް އެންމެ ގިނައީ 920 އުފެއްދުމާއެކު ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގެވެ.
މައުރަޒުގެ ވާދަވެރި ބަޔުން 134 ބައިވެރިއަކަށް ޖުމްލަ 298 އެވޯޑު ލިބިފައިވާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ 14 ބައިވެރިއަކު 76 އެވޯޑު ހޯދައިފިއެވެ.
7 ޑިސްޓްރިކްޓަކަށް ބަހާލެވިފައިވާ މައުރަޒުގައި، އަލަށް ރަށު ފަތުރުވެރިކަމަށް ހާއްސަ "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" ތައާރަފުކޮށްފައިވެއެވެ. މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އައު ބާޒާރުތައް ހޯދައި، ވިޔަފާރި ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކުރުމަށް ލިބޭ ފުރުސަތެކެވެ.
ކޮމެންޓު ފޮނުވާ