މިއަދު ރަސްމީކޮށް ހުޅުވާ "މޯލްޑިވްސް އެކްސްޕޯ 2026″ ގައި 600 ބައިވެރިއަކު އުފައްދާފައިވާ 4,400 އުފެއްދުން ދައްކާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މައުރަޒުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މައުރަޒަކީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ މިފަދަ މައުރަޒުތަކުގެ ތެރެއިން އެންމެ ބޮޑު މައުރަޒު ކަމަށެވެ. ފާއިތުވި އަހަރު ބޭއްވި މައުރަޒުގައި 240 ބައިވެރިއަކު އުފެއްދި 2,467 އުފެއްދުން ހިމެނުނު ކަމަށާއި، މިފަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާ ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.
ކުރީގެ މައުރަޒުތަކުގައި ފަސް ޑިސްޓްރިކްޓް ހިމެނުނު އިރު، މިއަހަރު ވިޒިޓަރ އިކޮނޮމީ އާއި އިންޓަނޭޝަނަލް ޑިސްޓްރިކްޓް ކިޔާ ދެ ޑިސްޓްރިކްޓް އިތުރުކޮށްފައިވެއެވެ. ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި އަދި ކުދި އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، އިންޓަނޭޝަނަލް ޑިސްޓްރިކްޓުން ބޭރުގެ އީޖާދީ ޓެކްނޮލޮޖީ ދެކި، އެ ފަރާތްތަކާ ގުޅުން ބިނާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ބޭރުން ލިބެންހުރި ފައިދާތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ