ށ. ފުނަދޫގައި ބޮޑު އަލިފާނު ހާދިސާއެއް: ގޭގެއިން މީހުން ހުސްކޮށް، ސްކޫލު މެދުކަނޑާލައިފި

ށ. ފުނަދޫގައި ބޮޑު އަލިފާނު ހާދިސާއެއް: ގޭގެއިން މީހުން ހުސްކޮށް، ސްކޫލު މެދުކަނޑާލައިފި

Author
އަހުމަދު
25 އޮކްޓޯބަރ 2026 11:18
0

 

ށ. ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ރޯވި އަލިފާން ވަށައިގެންވާ ސަރަހައްދަށް ފެތުރި، ހަތަރު ގެއަކާއި ފަސް ގަރާޖަކަށް އަލިފާނުގެ އަސަރު ކޮށްފި އެވެ.

އަމިއްލަ ފަރާތަކުން ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ ހެނދުނު ގާތްގަނޑަކަށް 7:00 ގައެވެ. ރައްކާތެރިކަމުގެ ގޮތުން އަސަރު ކުރި ގެތަކުން މީހުން ބޭރުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ.

މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރަން ދަތިވެ، އިތުރު ގެތަކަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުކަމަށް ރަށުގެ މީހުން ބުނެއެވެ. ހެނދުނު 8:53 ގައި ވެސް އަލިފާން ފެތުރެމުން ދިޔަ ކަމަށް ރަށުގެ މީހަކު ބުންޏެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަނީ ހދ. ކުޅުދުއްފުށީގެ އެމްއެންޑީއެފް ފަޔާ ސްޓޭޝަނުގެ ސިފައިން، މެރިއޮޓް ވަގަރު ރިސޯޓުގެ ފަޔާ ޓީމު އަދި ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުންނެވެ.

އެއާޕޯޓުގެ ފަޔާ ލޮރީތައް އަލިފާން ނިއްވުމަށް ބޭނުންކުރަމުން ދާތީ، ހެނދުނު 9:45 ގައި ފުނަދޫއަށް ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓް ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށްފައިވެއެވެ. ފުނަދޫއިން ފްލައިޓްތައް ފުރާނެ ވަގުތެއް ވެސް އަދި ނޭނގެއެވެ.

ދުމުގެ އަސަރު ކުރާތީ ރަށުގެ ސްކޫލުގެ ކިޔެވުން ވެސް މިއަދު މެދުކަނޑާލައިފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.