ޖެނުއަރީއިން ފެށިގެން ތިން އަހަރަށް އައްޑޫގެ އެސްއެމްއީތަކަށް ހާއްސަ ލުއިތައް

ޖެނުއަރީއިން ފެށިގެން ތިން އަހަރަށް އައްޑޫގެ އެސްއެމްއީތަކަށް ހާއްސަ ލުއިތައް

Author
އަހުމަދު
25 އޮކްޓޯބަރ 2026 01:58
0

 

އައްޑޫ ސިޓީ ރާއްޖޭގެ ފުރަތަމަ އެސްއެމްއީ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، އެ ސިޓީގައި ގާއިމުވެގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މި ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރޭ ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގަ އެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ އަހަރުގެ 1 ޖެނުއަރީއިން ފެށިގެން ތިން އަހަރު ދުވަހަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ ބިމެއްގައި ވިޔަފާރި ހިންގާނަމަ، އެ ބިމުގެ ކުލި މާފުކުރެވޭނެ އެވެ. އަދި އިންކަމް ޓެކްސް ދައްކަން ނުޖެހޭނެއިރު، 20-30 ކޯޓާއިން ނަގާ އަހަރީ ފީ ވެސް ލުއިކޮށްދެވޭނެ އެވެ. ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ ވެހިކަލްތަކަށް ވެސް ފީ ނުނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ މަގްސަދަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ސިޓީގެ އިގްތިސާދު ވަރުގަދަކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ޒޯނުތައް ވެސް ކަނޑައަޅައި، އެތަންތަނަށް ވެސް މި ޕްރޮގްރާމް ފުޅާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އެސްއެމްއީތަކުން ދައްކާ ޓެކްސް އޮފްސެޓް ކުރެވޭ ގޮތް ހަމަޖެއްސުމާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރަން ޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުމާއި، ކުދި ވިޔަފާރިތަކުން އެތެރެކުރާ ވަކި ރޯ މެޓީރިއަލްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.