އުފެއްދުންތެރިކަމުގެ މައުރަޒު 2026 ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި

އުފެއްދުންތެރިކަމުގެ މައުރަޒު 2026 ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި

Author
އަހުމަދު
25 އޮކްޓޯބަރ 2026 11:25
0

 

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ސްޓޯލްތަކަށް ވަޑައިގެން ދައްކާލާފައިވާ ތަކެތި ބައްލަވާލައްވާފައެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި 75 ވިޔަފާރިއާއި ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއް ހިމެނެއެވެ. ކުރީ އަހަރު 240 ފަރާތަކުން 2,400 އުފެއްދުން ބައިވެރިކުރި އިރު، މިއީ %83.5 ގެ އިތުރުވުމެކެވެ.

16 ދާއިރާއާއި 73 ގިންތި ހިމެނޭ މައުރަޒުގައި އެންމެ ގިނައިން ހުރީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅުންހުރި އަތްތެރި މަސައްކަތުގެ 1,695 އުފެއްދުމެވެ. ދެވަނައަށް ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާގެ 920 އުފެއްދުމެވެ. މިފަހަރު ތަކެތި ދައްކާލުމަށް ހަތް ޑިސްޓްރިކްޓެއް ގާއިމުކޮށްފައިވާއިރު، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓަކީ އަލަށް އިތުރުކުރި ދެ ޑިސްޓްރިކްޓެވެ.

މައުރަޒު، ނޮވެމްބަރު 2 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.