ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން އިންޑިއާގެ ހައި ކޮމިޝަނާ އެކުގައި މިއަދު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި އިންޑިއާ ހައި ކޮމިޝަންގެ ވެރިންނާއި އިންޑިއާ އެގްޒިމް ބޭންކުގެ އިސް ބޭފުޅުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފެލިވަރުގައި އަޅާ މަސް ރައްކާ ކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ހިދުމަތް ދިނުން އަވަސް ކުރުން ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާ ކުރުމަށް ފަސޭހަވާނެ ކަމަށް ވުޒާރާ އިން ވިދާޅުވިއެވެ.
ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުވަނީ ފެލިވަރަށް ގޮސްފައެވެ.